ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން މިރޭ ކުޅުނު މެޗުގައި އެލްޗޭ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރެއާލްއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާ ދެ ގޯލު ޖަހާފައިވާއިރު، މެޗުން މޮޅުވެ ރެއާލް ވަނީ އަނެއްކާވެސް ލަލީގާ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. 10 މެޗުން 21 ޕޮއިންޓާއެކު ރެއާލް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށްވެސް 10 މެޗުން ވަނީ 21 ޕޮއިންޓު ލިބިފައެވެ. ރެއާލް މިވަގުތު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލަލީގާގެ ފޯރި ގަދަކޮށް ފެނިގެންދާއިރު، ތިންވަނައިގައި އޮތް ރެއާލް ބެޓިސްއަށް 11 މެޗުން 21 ޕޮއިންޓު ލިބިފައިވެއެވެ. އަދި ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެދާދަށްވެސް ވަނީ 10 މެޗުން 21 ޕޮއިންޓު ލިބިފައެވެ.

މެޗުގެ ފުރަތަމަ ގޯލު ވިނީޝިއަސްގެ ފަރާތުން ފެނުނީ ފުރަތަމަ ހާފުގައެވެ. އޭރިއާ ތެރެއިން މަރިއާނޯ ފްލިކް ކޮށްލި ބޯޅަ ގޯލަށް ވައްދާލައި އޭނާ ރެއާލްއަށް ލީޑު ނަގައިދިނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. ރެއާލްއިން ދެވަނަ ހާފަށް ނުކުމެ ލީޑު ދަމަހައްޓަމުން ދިޔައިރު، އެޓީމަށް އެންމެ ބޮޑު ހިތްވަރަކަށްވީ މެޗުގެ 63 ވަނަ މިނެޓުގައި އެލްޗޭގެ ރައުލް ގޫޓީއަށް ދެއްކި ރަތް ކާޑެވެ.

ޓޯނީ ކްރޫސްގެ ފަޔަށް ގޫޓީ ކުރި ފައުލަށް ރެފްރީ ސީދާ ރަތްކާޑު ދައްކާފައިވާއިރު، އެލްޗޭގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ރެއާލްއިން ނެގިއެވެ. އެޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުޅެމުން ގޮސް، މެޗުގެ 73 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ފުޅާކުރިއެވެ. ލޫކާ މޮޑްރިޗުގެ ޕާހަކުން ގޯލު ޖެހީ ވިނީޝިއަސްއެވެ. އެއީ މި ސީޒަންގައި މިހާތަނަށް އޭނާ ޖެހި ހަތްވަނަ ގޯލެވެ.

މެޗުގެ ފަހުކޮޅުގައި އެލްޗޭއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ޕެރޭ މިލާގެ ގޯލުން އުންމީދެއް ހޯދި ނަމަވެސް އެޓީމަށް ނަތީޖާ އެއްވަރު ކުރެވޭނެ ގޮތެއް ނުވިއެވެ. އެލްޗޭގެ ލޫކަސް ބޯޔޭ ޖެހި ބޯޅަ ރެއާލް ގޯލްކީޕަރު ތީބޯ ކޯޝުއާ މަތަކޮށް ބޭރުކޮށްލިއިރު، ލޫކަސް ޕެރޭޒް ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.