ރިޕޯޓް

ކޮޕް 26 : ދިވެހިރާއްޖެ ފަދަ "ނިކަމެތި" ގައުމުތަކުގެ މުސްތަގުބަލު "ބިޔަ" ގައުމުތަކުގެ އަތްމަތީގައި

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ދިވެހީންނަށް އާ ވާހަކަތަކަކަށް ނުވާނެއެވެ. އެކަމުގެ ވާހަކަތައް ދައްކާތާ ޒަމާންތަކެއް ވެއްޖެއެވެ. އެއީ ސްކޫލުތަކުގައި އަދިވެސް ދަރިވަރުންނަށް ނަގައިދޭ ފިލާވަޅުތަކެކެވެ. ރާއްޖޭގައި މޫސުމީ ބަދަލުތަކާއި އެކަމުން ލިބޭ ގެއްލުންތަކަށް އަހުލުވެރިކުރުވުމަށް އަބަދުވެސް މަސައްކަތްތައް ކުރެވެމުންދެއެވެ.

އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް26އާ ކުރިމަތިލާ އިރު، އެންމެ ބޮޑަށް އެކަމުގައި ވަކާލާތުކުރާނީ ކުދި ޖަޒީރާ ގައުމުތަކުންނެވެ. އެ ގައުމުތަކުގެ ކަންބޮޑުވުންތައް ފާޅުކުރާނެއެވެ. އަވަސް ހައްލެއް ހޯދުމަށް އެހީތެރިކަމަށް އެދޭނެއެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ކުދި ޖަޒީރާ ގައުމުތަކަށްވުމެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމެންޓަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު އެއްބަސްވުމެކެވެ. މިހާތަނަށް އެ އެއްބަސްވުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިތުރުން 190 އަށްވުރެ ގިނަ ގައުމަކުން ވަނީ ސޮއިކޮށްފައެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގެ ގޮތުން ޕެރިސް އެގްރީމަންޓުގެ އެންމެ މުހިންމު އަމާޒަކީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމެވެ. އެ އަމާޒަށް ވާސިލު ނުވެވިއްޖެ ނަމަ، ކުދި ގައުމުތަކަށް އެކަމުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ. އެ ގައުމުތައް ނެތިދިއުމުގެ ބިރުވެރިކަން އިންތިހާއަށް އޮންނާނެއެވެ.

އިންޓަ ގަވަމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ) އިން މިއަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށް ޓަކައި ކަނޑައަޅާފައިވާ އަމާޒަށް ވާސިލެއް ނުވެވޭނެއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މިގަރުނުގެ ފަހުކޮޅުގައި އަހަރަކު އެއް ފަހަރު އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހައްލެއް އޮތީ ބޮޑެތި ގައުމުތަކުގެ އެހީ ލިބިގެން!

ދިރާސާތަކުން ދައްކާގޮތުގައި މިހާރުވެސް ދުނިޔޭގެ ފިނިހޫނުމިން ހުރީ 1.2 ޑިގްރީސް ސެލްސިއަސްގައެވެ. މިހާރު ވެސް މަންޒަރު ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. ކައިރި މުސްތަގުބަލެއްގައި ފިނިހޫނުމިން ދެ ޑިގްރީސް ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަކީ ވަރަށް އުނދަގޫ މަސައްކަތަކަށް ވެގެންދާނެ ކަމަށް މާހިރުން ދެކެއެވެ.

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކެވެ. އެމެރިކާ އާއި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވަރަށް ބޮޑުތަނުން މަދުކުރަން ޖެހެއެވެ. އެހެންކަމުން ހައްލު ހޯދުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަން ޖެހޭނީ ވެސް އެގައުމުތަކުންނެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ތިމާވެށީގެ ނުރައްކާތަކާ މެދު ކުރިން ބިރު ނުގަންނަ މިންވަރަށް މިހާރު ބިރުގަންނަން ޖެހިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމި އޮންނާނީ އަދި އެގައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ އެގައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރު ނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން. މިއީ އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށެވެ. ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށްވެސް ކުޑަކަން ރައީސް ފާހަގަކުރެއްވިއެވެ.

"ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ އަޅުގަނޑުމެންނަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށް ވުމަކީ އެކަށީގެންވާ ކަމެއް. މި ޖަޒީރާތައް ނެތި، ރާއްޖެއެއް ނޯންނާނެ. ރާއްޖެ ނެތް ހިނދެއްގައި ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެ ނެތިދިއުމުގެ ބިރަކީ ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެ ބޮޑު ބިރެކެވެ. އަވަސް ހައްލެއް ހޯދުމަށް ބޮޑެތި ގައުމުތަކުގެ އެހީ ކޮންމެހެން ވެސް ބޭނުންވެއެވެ. އެހީ ހޯދުން ނޫން ގޮތެއް ނެތެވެ.

ތިމާވެށީގެ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށް އުކައިލެވޭ ޒާތުގެ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ތަސްދީގުކުރައްވައިފައެވެ. އެ ގާނޫނާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ. އެތެރެކުރުން މަނާ ތަކެތީގެ ލިސްޓު އާންމުކޮށް، އެތަކެތި އެތެރެ ކުރުން މަނާކުރާނެ ތާރީހުތައް ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ކޮޕް26 އަށް ރާއްޖެ ތައްޔާރު، ހުށަހެޅުންތަކެއް ހުށަހަޅާނެ!

ކުރިއަށް އޮތީ ތިމާވެއްޓާ ގުޅޭ އެންމެ ބޮޑު ބައްދަލުވުން، ކޮޕް26 އެވެ. އެ ބައްދަލުވުމަކީ ރާއްޖެއަށް ވަރަށް މުހިންމު ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ރައީސް ސޯލިހު ތަގުރީރުކުރައްވާނެއެވެ. މިއީ 12 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެ މުހިންމު ސަމިޓުގައި މޫސުމީ ބައްދަލުތަކަށް ހައްލެއް ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރާނެއެވެ. އަދި އެކަމަށް ޓަކައި ކުދި ގައުމުތަކަށް އެހީތެރިކަން ހޯދުމަށް ރާއްޖެއިން ހުށަހެޅުންތަކެއް ވެސް ހުށަހަޅާނެއެވެ.

އެ ސަމިޓާ ގުޅޭގޮތުން ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ "ވަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކަށް ލިބޭ ގެއްލުންތައް ހައްލުކުރުމަށް، ތަރައްގީ ވެފައިވާ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން ޖެހެއެވެ. އެކަމަށް ސަމިޓުގައި ވަކާލާތުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް އަދި ވަރަށް ބޮޑު ފުރުސަތެއް ދިވެހިރާއްޖޭގެ އަޑު އަނެއްކާވެސް ބައިނަލްއަގުވާމީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި އިއްވައިދިނުމަށް. މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން މި ވާހަކަދައްކަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށް. އަދި ރާއްޖެ ފަދަ ގައުމުތަކަށް މި ލިބޭ ގެއްލުންތައް ހައްލުކުރުމަށް، ތަރައްގީވެފައިވާ ގައުމުތަކުން އެބަޖެހޭ އަޅުގަނޑުމެންނަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން. އެހެންވީމާ މައިގަނޑު ގޮތެއްގައި މި ދެކަމުގެ މައްޗަށް އަޅުގަނޑުމެން ވަކާލާތުކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަކަމުގައިވީ ނަމަވެސް ކޮންމެ ރަށަކުން ވެސް ދައްކާ ވާހަކަތަކަކީ ރަށް ގިރުމާއި، ފެންފަށަލަ ތަގައްޔަރުވުމާއި، ފެން ބޮޑުވާ ވާހަކައެވެ. އެކަމުގެ އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރު އޮތީ ކިތަންމެ ވަރަކަށް އެ ވާހަކަ ދައްކަން ޖެހުނަސް، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ ވާހަކަ ދައްކަން ތައްޔާރަށެވެ. ވިސްނުން ހުރީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު ސަލާމަތްކޮށްދިނުމެވެ. ރާއްޖެ ފަދަ "ނިކަމެތި" ގައުމުތަކުގެ މުސްތަގުބަލު އޮތީ "ބިޔަ" ގައުމުތަކުގެ އަތްމަތީގައެވެ. އެހެނީ ދުނިޔޭގެ ނާޒުކު ތިމާވެށި ފުނޑުފުނޑު ވެގެން މިދަނީ އެ ގައުމުތަކުގެ މުއްސަނދިކަމަށް ޓަކައި ކުރެވޭ ބިޔަ، ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތުގެ ތެރެއިންނެވެ. ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ރައްޔިތުން ދިރިއުޅޭން އޮތް ވެށި ވެސް ސުންނާފަތިވެގެން މި ދަނީ އެ ބޮޑެތި ގައުމުތަކުގެ މުއްސަނދިކަމާއި އާރާއި ބާރު ދަމަހައްޓައި ނަގަހައްޓަން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެހެން ކަމުން އެ ގައުމުތަކުން ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކޮށްދޭން ޖެހޭނެ އެވެ. އެގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެއެވެ.