ކަނޑުމަގުން ރާއްޖެއަށް 215 ކިލޯގެ ޑުރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަންގައިފިއެވެ.

އެ މައްސަލަ ބަލަން އެޗްއާރްސީއެމް އަށް ކޯޓުން އެންގީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަނިޔާކުރި ކަމަށް ބުނުމާ ގުޅިގެންނެވެ.

މިމަހު 15 ވަނ ދުވަހު 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެ ދެމީހުން ހައްޔަރު ކުރީ، "ފެށުން 2" ކިޔާ ލޯންޗެއްގައި ރ.މަޑުއްވަރީއަށް ވަން ވަގުތު އެ ލޯންޗު ބަލައި ފާސްކުރުމަށް ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކް އަދި ރ. އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ އޮޕަރޭޝަންގައި 11 ގޯނީގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައި ވަނީ ރ. ރާނބުގަލިންނެވެ.

އިއްޔެގެ ބަންދުގެ މަޖިލީހުގައި ފުލުހުން އަނިޔާ ކުރި ކަމަށް ޝާކިރު އާއި ހާރިސް ވެސް ބުނެފައިވެއެވެ. އެމީހުންނަށް އަނިޔާކުރީ ފަޅުރަށަކަށް ގެންގޮސްގެން ޕެޕަ ސްޕްރޭޖެހުމަށްފަހު ކަމަށްވެސް އެމީހުން ބުނެފައިވެއެވެ. އަތުންނާއި ފައިން ފުލުހުން އަނިޔާކުރި ކަމަށް އެމީހުން ބުނެއެވެ. އެމީހުންގެ ވާހަކަތަކާ ގުޅިގެން އަނިޔާކުރި މައްސަލަ ބަލައިދިނުމުގެ އަމުރަކަށް ދިފާއީ ވަކީލުން ކޯޓުގައި އެދުނެވެ.

ނަމަވެސް އަނިޔާކުރިކަމަށް ކުރި ތުހުމަތުތަކަށް އިންކާރުކޮށް ފުލުހުން ބުނީ އެމީހުންނަށް އަނިޔާކުރިކަން ބޭރު ފުށުންވެސް އަދި މެޑިކަލް ރިޕޯޓުންވެސް އެނގެން ނެތް ކަމަށެވެ.

އެ މައްސަލައިގައި އެ ފަރާތުން ދެއްކި ވާހަކަތަކަށްފަހު، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ އެ މީހުން ޑޮކްޓަރަށް ދައްކައިގެން، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ. އަދި ފަރުވާގެ ލިޔުންތައް ދެން އޮންނަ ބަންދު މަޖިލީހަކަށް ހުށަހަޅަން ވެސް ގާޒީ އެންގެވި އެވެ.

އޭގެ އިތުރުން އެމީހުންނަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސް، މައްސަލަ ބެލުމަށްފަހު، ކަން ހިނގައިދިޔަ ގޮތް ކޯޓާ ހިއްސާ ކުރުމަށްވެސް އެންގެވިއެވެ.

އެ ދެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން އިއްޔެ ވަނީ އިތުރު ކޮށްދީފައެވެ.