ޚަބަރު

މައްސަލަތައް ތަހުގީގުކުރުމުގައި ޒާތީއެއް ނުވަން، ގޮތް ނިންމަނީ އިންސާފުވެރިކޮށް: އެޗްއާރުސީއެމް

އައިޝަތު ނިއުޝާ

ކުޑަކުދިންގެ ހިޔާގެ މައްސަލައިގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ޒެނީޝާ ޝަހީދު ޒަކީގެ ޖެންޑާ މިނިސްޓަރުކަމުގައި ކުޑަކުދިންގެ ހިޔާގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ޒެނީޝާ، އޭނާގެ ފޭސްބުކް އެކައުންޓުގައި މިއަދު ހިއްސާ ކުރައްވާފައިވާ ބަޔާނެއްގައި ވަނީ، ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެފައިވެސް ނުވާނެ ކަމަށް ވިދާޅުވުމުންނެވެ. އަދި އެޗްއާރުސީއެމުން އެ ބުނާ މައްސަލައަކީ ޒާތީ ތައައްސުބުން އުފަން ކޮށްފައިވާ އަދި ސައްހަ ނޫން އަސާސެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަށް ރައްދު ދީ އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެންޓި ޓޯޗާ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައާއި ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނެ ކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާއެކު ކަމަށް ބުންޏެވެ.

އަދި އެންޓި ޓޯޗާ ގާނޫނުގެ ދަށުން އަނިޔާކުރުމާއި ރަހުމުކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި އެ ގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާ އެޗްއާރުސީއެމްގެ މައްޗަށް މަތިކޮށްފައިވާ ކަމަށްވެސް ބުންޏެވެ.