ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ހާއްސަ މެޗު، 7-1 އިން ގައުމީ ޓީމު ކާމިޔާބުކޮށްފިއެވެ.
ކުރެއްދޫ ރިސޯޓުގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަކީ ގައުމީ ޓީމަށް ހިތްވަރުދިނުމަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ދައުވަތަކަށް ކުޅެވިގެންދިޔަ މެޗެކެވެ. ގައުމީ ޓީމާ ދެކޮޅަށް މެޗުގައި ނުކުތީ ކުރެއްދޫ ރިސޯޓުގެ މުވައްޒަފުންގެ ޓީމެކެވެ. މެޗުން މޮޅުވާ ޓީމަކަށް 1.2 މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ އިރު، މެޗު ކުރިއަށް ގެންގޮސްފައިވަނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާ އެކުގައެވެ.
މެޗުގައި ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު ތިން ގޯލު ޖަހައި ހެޓްރިކް ހަދާފައިވާ އިރު، އަނެއް ގޯލުތައް ޖަހައިދިނީ އަސަދުﷲ އަބްދުﷲގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމައިރެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އަސަދުﷲ ވަނީ ދެ ގޯލު ޖަހައިފައެވެ. ކުރެއްދޫގެ ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަނެވެ.
ގައުމީ ޓީމަށް އިނާމެއްގެ ގޮތުން ޗަމްޕާގެ ފަރާތުން ފަސް ލައްކަ ރުފިޔާ ދީފައިވާ އިރު، އެސްޓީއޯއިންވެސް ވަނީ ގައުމީ ޓީމަށް ފަސް ލައްކަ ރުފިޔާ ދީފައެވެ. ދިރާގާއި ވިލާ ޓްރެވެލްސް، ކޮންމެ ކުންފުންޏަކުން ގައުމީ ޓީމަށް އެއް ލައްކަ ރުފިޔާ ދީފައިވާ އިރު، އެހެނިހެން ޕާޓްނަރުންނަކީ ލިޓަސްއާއި، މޯލްޑިވިއަންގެ އިތުރުން ޓްރާންސް މޯލްޑިވްސް އާއި މަންތާ އެއާ އަދި ސަން ފްރޮންޓެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަގަނޑޭއަށް ވަނީ ލިޓަސްއިން ސައިކަލެއްގެ އިތުރުން ސަން ފްރޮންޓުން ބެޓެރި ސައިކަލަކާއި ބައިސްކަލެއް ދީފައެވެ.
މެޗަށްފަހު ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ މެޗަކީ ލަންކާ މުބާރާތަށް ހިތްވަރަކަށް ވާނެ ކަމަށާއި، މިއީ އެންމެ ބޮޑު ފައިސާގެ އިނާމެއް ދިން އެއް މެޗަށް ވާނެ ކަމަށެވެ.
"އުއްޗުއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. މިއީ އެންމެ ބޮޑު ފައިސާގެ އިނާމު ކަންނޭނގެ މެޗެއްގައި ދެވުނު. މިއީ ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން ޗަމްޕާ ދެއްވި އެގްޒިބިޝަން މެޗެއް. މިއީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް. މި ފައިސާގެ އިނާމު ހުރިހާ ކުޅުންތެރިންނަށް ހަމަހަމަކޮށް ބެހިގެންދާނެ. ޗަމްޕާ ދަންނާވަފައިވަނީ ކުރިއަށް އޮތް ލަންކާ މުބާރާތް ކާމިޔާބުކޮށްފި ނަމަ އިތުރު ހަދިޔާތައްވެސް ދެވިގެންދާނެ ކަމަށް،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް އިތުރަށް ވިދާޅުވީ މަހިންދަ ރާޖަޕަކްސަ ކަޕަށް ޓީމު ތައްޔާރުވަމުން އަންނަނީ ފޯރިއާއެކުގައި ކަމަށާއި، ޓާގެޓަކީ އެ މުބާރާތުގެ ތަށި ކާމިޔާބު ކުރުން ކަމަށެވެ.
ރާއްޖެއާއި ލަންކާގެ އިތުރުން ސީޝެލްސްއާއި ބަންގުލަދޭޝް ވާދަކުރާ ލަންކާގެ ފޯ ނޭޝަންސް ކަޕު ކުރިއަށްދާނީ އަންނަ މަހު ލަންކާގައެވެ. އެ މުބާރާތަށް ގައުމީ ޓީމު ފުރާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ހަފުތާ ތެރޭގައެވެ. އާ ކޯޗު ފްރެސެސްކޯ މޮރިއޭރޯއާއެކު ގައުމީ ޓީމުން މިހާރު ވަނީ ރަސްމީކޮށް ފަރިތަކުރުންތައް ފަށައިފައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު