ޚަބަރު

ރައީސް ސޯލިހު ކޮޕް ސަމިޓަށް ފުރާވަޑައިގެންފި

އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް26" ގައި ބައިވެރިވެވަޑައިގަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ ސަމިޓަށް ރައީސް ސޯލިހުގެ އަރިހުގައި އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާއި ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ހިމެނޭ ގޮތުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެއެވެ. އަދި ސަމިޓުގެ ތެރެއިން ރައީސްއާއި ވަފުދުގައި ހިމެނޭ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެކި ގައުމުތަކުގެ ލީޑަރުންނާއެކު ބައްދަލުކުރެއްވުންތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީ ވިލާތާއި ގުޅިގެން އިނގިރޭސި ވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.

އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވާނެއެވެ. އަދި އެތައް ހާސް ނެގޯޝިއޭޓަރުންނާއި ސަރުކާރުތަކުގެ މަންދޫބުންނާއި ވިޔަފާރިވެރިންނާއި އާންމުފަރާތްތަކުން ބައިވެރިވާނެއެވެ.