ވޮލީ ބޯލް

ވޮލީއަށް ޝައުގުވެރިވާ ކުދިންނަށް "މައިހުޅުމާލެ ވޮލީބޯލް ކޭމްޕު"ގައި ބައިވެރިވުމުގެ ފުރުސަތު

ވޮލީބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ "މައި ހުޅުމާލޭ ވޮލީބޯލް ކޭމްޕު 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 11 އިން 18 އަށް ހުޅުމާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ ހާއްސަ ވޮލީބޯޅަ ކޭމްޕަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާއި ޕޮލިސް ކްލަބުގެ އިތުރުން ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކޭމްޕެކެވެ. ކޭމްޕުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށް ވޮލީބޯޅައިގެ ބޭސިކް ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އެ ކުޅިވަރަށް ކުދިންގެ ތެރޭގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމެވެ.

ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކޭމްޕުގައި ފުރުސަތު ދޭނީ ޖުމުލަ 80 ކުދިންނަށެވެ. ފޯމު ހުށަހަޅާ ތަރުތީބުން ފުރުސަތު ދޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 40 އަންހެން އަދި 40 ފިރިހެން ކުދިންނަށެވެ. ފެސްޓިވަލެއްގެ ގޮތުގައި ގިނަ ހަރަކާތްތަކަކާއެކު ކޯޗިން ކޭމްޕު ނިންމާލާނީ އެއް ދުވަހުގެ މުބާރާތަކާ އެކުގައި ކަމަށްވެސް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.

ކޭމްޕުގައި ބައިވެރިވުމުގެ ފޯމު އެޗްޑީސީ ރިސެޕްޝަނުންވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން އޮންލައިން ލިންކް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ ހަތްވަނަ ދުވަހުގެ 15:00 ގެ ކުރިން ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ވީއޭއެމްގެ އާ އެކްސްކޯއާއެކު ވޮލީގެ ހުނަރުވެރި ކުދިން އުފައްދަން އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަތޮޅުތެރޭގައިވެސް މިހާރު ހާއްސަ ކޭމްޕުތަކެއް ބާއްވަން ފަށާފައިވާ އިރު، އެސޯސިއޭޝަނުން މަސައްކަތްކުރަނީ ސްރީ ލަންކާގެ ކޯޗެއްވެސް ގެނެސްގެންނެވެ. ކ. ތުލުސްދޫގައި ވޮލީބޯޅަ ކޭމްޕެއް މިހާރު ފެށިގެން ކުރިއަށް ގެންގޮސް ނޮވެންބަރު 11 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ކުރިން ވިދާޅުވެފައިވާ އިރު، އެކި ރަށްރަށުގައި ކޭމްޕަކަށްފަހު ކޭމްޕެއް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރަނޭ ވިދާޅުވީ އެ ކޭމްޕުތަކަށް އިތުރު ކޯޗުން ގެންނަން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު ކޯޗުން ގެނެސް ރިސޯޓުތަކުގެ ކޭމްޕުތައްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

މައިހުޅުމާލެ ވޮލީބޯލް ކޭމްޕު 2021ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރަން ޖެހޭ ފޯމު: ގޫގަލް ފޯމް