ކުޅިވަރު

މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އާ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައި، މިއަދު އެކަން އިއުލާނުކޮށްފިއެވެ.

ހުޅުމާލޭގެ އަކާސިއާ ބީޗު ހޮޓަލުގައި މިއަދު ކުރިއަށް ގެންދިޔަ ހަފުލާފައި އެކަން އިއުލާންކޮށް މޯހަންއާއެކު މާޒިޔާއިން ވަނީ ސޮއިކޮށްފައެވެ.

މާޒިޔާއިން މިއަދު މޯހަންއާއެކު ސޮއިކުރީ ކުރިން ކްލަބުގެ ކޯޗުކަމުގައި ހުރި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ ކްލަބު ދޫކޮށްލުމުންނެވެ. މާޒިޔާއާ އެކު މިދިޔަ ސީޒަނުގެ ލީގު ވިޑަކޮވިޗް ކާމިޔާބު ކޮށްފައިވާއިރު، މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އިންޑޮނޭޝިއާގެ ބޯނެއޯ ސްޕޯޓްސް ކްލަބުގައެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން ވަނީ މިއަހަރު، ސުޕަ ޔުނައިޓެޑް (ސަސް) އާއި ކްލަބު އީގަލްސްގައިވެސް މަސައްކަތް ކޮށްފައެވެ. ފުރަތަމަ އީގަލްސްއިން ލީގު ފެށި ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި މޯހަން ވަނީ ސަސްއާ ހަވާލުވެފައެވެ. ސަސްއިން މޯހަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. ކުރިން ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދިން މޯހަން ވަނީ ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ރޯލެއްވެސް އަދާކޮށްފައެވެ.

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެ ޓީމުން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެޓީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ޓީމުވެސް މެއެވެ. ހާއްސަކޮށް އެޓީމަކީ އޭއެފްސީ ކަޕްގައިވެސް މިވަގުތު ވާދަކުރާ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމެވެ.