ކޮވިޑު ޖެހިގެން އައްޑޫ ސިޓީން ރޭ މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫން ކޮވިޑު ބަލިޖެހިގެން ރޭ މަރުވި 81 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގައި އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބުނެ، އޭނާގެ އާއިލާއިން އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން އަންނަނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ނަމަވެސް އެމީހާގެ ހަށިގަނޑަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް އަދި ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއް ނުވެއެވެ.

އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އެ އަންހެން މީހާ މަރުވެފައިވަނީ ރޭ ދަންވަރު 2:13ގައި ކަމަށެވެ.

މިއީ އައްޑޫ ސިޓީން މަރުވި ނުވަވަނަ މީހާއެވެ. އަދި މިމަހުގެ ތެރޭގައި އެ ސިޓީން މަރުވި ފަސް ވަނަ މީހާއެވެ.

މިދިޔަ އަންގާރަ ދުވަހުވެސް އައްޑޫ ސިޓީގައި ކޮވިޑަށް ފަރުވާ ދެމުން އައި ދެ މީހަކު ވަނީ މަރުވެފައެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 243 އަކަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 226 ދިވެހީންނާއި 17 ބިދޭސީންނެވެ.