ޚަބަރު

130 ކިލޯގެ ޑްރަގް މައްސަލަ: ހައްޔަރުކުރި މީހުންގެ ބަންދަށް ލުޔެއް ނުދިން

މުހައްމަދު އިޝާން

ކަންނެލި ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ހައްޔަރު ކުރި މީހުންގެ ބަންދަށް ލުޔެއް ނުދީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފިއެވެ.

ސަތޭކަ ތިރީސް ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދަައުވާކުރަނީ، ބަންގަލަދޭޝް، މުހައްމަދު ރިޔާދު، ބަންގަލަދޭޝް، ގއ. ވިލިނގިލި، ދުންފިނިގެ، އިގްބާލް، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސެއިން، ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ އަދި ގއ. ވިލިގިލި، ވައިލެޓްވިލާ، ޝަހީބް އިބްރާހީމް އަށެވެ.

އެމީހުންނަށް ދައުލަތުން ދައުވާކުރަނީ ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރިކަމުގެ ކުށުގެ ތުހުމަތުގެ ދައުވާއެވެ. ދައުވާ ލިބޭ އެންމެންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ.

އެ މައްސަލައިގެ ބަންދުކޮށްފައިވާ މީހުންގެ ބަންދުމުރާޖާ ކުރުމުގެ ގޮތުން މިއަދު ކުރިމިނަލް ކޯޓުން ވަނީ ޝަރީއަތެއް ބާއްވައިފައެވެ. ޝަރީއަތުގައި ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވީ އެމީހުން ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބާރު އެބައޮތް ކަމަށެވެ. އަދި މުޖުތަމައަށް އެމީހުންގެ ފަރާތުން ނުރައްކާ އަމާޒުވުމުގެ ފުރުސަތު އޮތުމުން އަދި ޝަރީއަތް ނިމެންދެން އެމީހުން ބަންދުކުރި ހަލާތާއި ސަބަބު އެގޮތުގައި އޮތުމުން ދައުލަތުން އެދުނީ އެމީހުންގެ ބަންދު ދަމަހައްޓައި ދިނުމަށެވެ.

މައްސަލައިގެ ދައުވާލިބޭ މުހައްމަދު ރިޔާޒުގެ ދިފާއީ ވަކީލު މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ އޭނާގެ މުވައްކިލުގެ އަސާސީ ހައްގުތައް ފޯރުކޮށް ދިނުމަށް ކަރެކްޝަން ސާވިސް އިން ފެއިލްވެފައިވާ ކަމަށެވެ. އެގޮތުން އޭނާއަށް ސިއްހީ ފަރުވާ ލިބެނީ ޖަލު އޮފިސަރެއްގެ ކައިރީގައި އާދޭސްކޮށްގެން ކަމަށެވެ.

ތުހުމަތެއްގައި ބަންދުކޮށްފައި ހުރި މީހަކަސް ބޭސްފަރުވާގެ ހައްގުން މަހުރޫމް ނުކުރެވޭނެ ކަމަށް ރާގިބު ވިދާޅުވުމުން އެއަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ ރިޔާޒު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަދަން ބުނި ޓެސްޓުތަޢް ހަދައި އޭގެ ނަތީޖާވެސް ދައްކާފައިވާނެ ކަމަށެވެ. އެފަހުން ސިއްހީ ފަރުވާ ބޭނުންވާކަމަށް ރިޔާޒު އަންގާފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަސީލުގެ ގާނޫނީ ވަކީލު ޝަހީދު އަލީ ވިދާޅުވީ ޖަލުގައި އޭނާގެ މުވައްކިލާމެދު ކަންތައްކުރާ ގޮތް އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ. ޖަލު ބަލަހައްޓާ އޮފިސަރުން އޭނާގެ މުވައްކިލުގެ ގައިގައި ތަޅައި އަނިޔާކޮށް ބޭސް ފަރުވާނުދޭ ވާހަކަ މީގެ ކުރިން ބޭއްވި ޝަރީއަތުގައި ދައްކާފައިވާނެ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި ވެސް އޮތީ ބޭސް ފަރުވާގެ ޝަކުވާކަމަށްވުމުން ޝާހިދު އެދުނީ މީގެ ކުރިން ބޭއްވި ޝަރީއަތުގައި ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށެވެ.

އަނަސްގެ ދިފާއީ ވަކީލު އަލީ ޝާހު ވިދާޅުވީ، ބޭސް ފަރުވާގެ ހައްގުތައް މުވައްކިލަށް ނުލިބޭ ކަމަށާއި ނަމަވެސް އެކަމުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. މުޖުތަމައުއަށް ނުރައްކާވެ މައްސަލައިގެ ހެކިބަސް ދޭން ތިބި މީހުންނަށް އޭނާގެ މުވައްކިލުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްލެއް ނުވަތަ ނުފޫޒެއް ދައުލަތަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ. އަދި ބަންދު މުރާޖާކުރާއިރު ކުރިން އޮތް ހާލަތު ބަދަލުނުވާ ކަމަށް ދައުލަތުން ވިދާޅުވާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އަލީ ޝާހު ވިދާޅުވިއެވެ.

އިތުރަށް އަލީ ޝާހު ވިދާޅުވީ ކުށް ސާބިތު ނުވެގެން އޭނާގެ މުވައްކިލު ދޫކޮށްލިޔަސް އެބުނާ މުޖުތަމައަށް ނުރައްކާވުމުގެ ހާލަތު ބަދަލުވާން ޖެހޭ ސަބަބު ދައުލަތުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން ދައުލަތު ވިދާޅުވީ އަނަސްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނީ ސުޕްރީމް ކޯޓުން ބެލި ޖިނާއީ މައްސަލައެއްގައި ފާހަގަކޮށްފައިވާ ކަންކަން އަނަސްގެ ކިބައިން ފުރިހަމަވާތީ ކަމަށެވެ.

ނަމަވެސް އަލީ ޝާހު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ މައްސަަލައާ އޭނާގެ މުވައްކިލަށް ތުހުމަތުކުރެވޭ މައްސަލަ ތަފާތުވުމުން ސުޕްރީމް ކޯޓުގެ ނިންމުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދެން ވާހަކަ ދެއްކީ މައްސަލައިގެ ދައުވާލިބޭ އިތުރު މީހެއް ކަމަށްވާ އަހުމަދު މޫސާއެވެ. އޭނާ ބުނީ ކަރެކްޝަނުން އޭނާއާމެދު ކަންތައް ކުރަނީ އިހާނެތިކޮށް ކަމަށެވެ. އެގޮތުން ނޭވާލާން އުނދަގޫވެގެން އޭޑިކޭ ހޮސްޕިޓަލަށް ދެއްކުމުން މޭގައި އިންފެކްޝަނެއް ހެދިފައިވާ ކަމަށާއި އުމުރަށް ބޭސް ކާން ޖެހޭނެ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

ޑޮކްޓަރުގެ އެ ލިޔުން ކަރެކްޝަން ލިބިފައިވާއިރު ވެސް އޭނާ ބަންދުކޮށްފައިވާ ގޮޅީގައި ތިބޭ މީހުން ސިނގިރޭޓް ބޮއެ ހަދާ ކަމަށާއި އެކަމުގެ ޝަކުވާ ކުރުމުން ގޮޅިން ނެރެ ކޮއްޓަކަށްލާފައި 12 ގަޑިއިރު ވަންދެން ބަހައްޓާ ކަމަށެވެ. އަދި ބައެއް ދުވަސްތަކުގައި އެ ކޮށީގައި ހުންނައިރު ވާރެވެހި މީހާ އެއްކޮށް ތެމި ވަރަށް ބޮޑައް ކެއްސާ ކަމަށެވެ. އަދި ޑޮކްޓަރުން ދީފައިވާ ބޭސްތަށް ކަރެކްޝަނުން ބަރާބަރަށް ދެމުން ނުގެންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އަހުމަދު މޫސާގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ އަހުމަދު މޫސާ ކާން ޖެހޭ ބޭސްތައް އޭނާއަށް ބަރާބަރަށް ދޭ ކަމަށާއި ނޭވާލާން އުދަގޫވާ ކޮންމެ ފަހަރަކު އަހުމަދު މޫސާ ގޮޅިން ނެރޭ ކަމަށެވެ. އަދި އެގޮތަށް ނެރޭއިރު 12 ގަޑިއިރަށް ނެރޭ ކަމަށެވެ.

އެއަށްފަހު ވާހަކަ ދެއްކެވީ އަހުމަދު މޫސާގެ ގާނޫނީ ވަކީލު އާދަމް ޝަމީމުއެވެ. ޝަމީމު ވިދާޅުވީ ނޭވާލަން އުދަގޫވުމަކީ އެ މީހެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިއްހަތަށް ވެސް ގެއްލުން ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓަސް ބޭސްފަރުވާ ކުރަން ޝަރުތުތުތަކާއެކު ދޫކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމުގެ ދަށުން ދޫކޮށްލީ ދަތުގެ ފަރުވާ ނުލިބުމުގެ ސަބަބުން ބަންދުގަައި ހުރި މީހެއްކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ އޭނާގެ މުވައްކިލުގެ މޭގައި އިންފެކްޝަން ހެދި ނޭވާލާން އުދަގޫވަމުންދާ ކަމަށެވެ.

ޝަމީމު ވިދާޅުވީ އޭނާގެ މުވައްކިލުގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ދައުލަތުން ވިދާޅުވިޔަސް، މީގެ ކުރިން ޑައިމޯފިން ޓްރެފިކްކުރިކަމުގެ ދައުވާ ލިބިފައިވާ މީހުން ދައުލަތުން އެދިގެން ދޫކޮށްލާފައިވާ ކަމަށެވެ.

ޝަމީމުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމުގެ ދަށުން އަހުމަދު މޫސާ ދޫކޮށް ނުލެވޭނެ ކަމަށެވެ. އެއީ މައްސަލައިގެ ހެކިންގެ ގޮތުގައި އާއްމުން ހިމެނޭތީ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އިގުބާލުގެ ގާނޫނީ ވަކީލު ޝަޒީމް ވަހީދު ވަނީ އޭނާގެ މުވައްކިލުގެ ޝަރީއަތް އަވަސް ކުރުމަށް އެދިފައެވެ. އަދި ޖަލުގައި ބަންދުކޮށްފައިވާ އޭނާގެ މުވައްކިލުގެ މޫނަށް އެހެން މީހަކު ހޫނުފެން ޖެހެމުގެ ސަަބަބުން ލިބުނު އަނިޔާއަށް އެކަށީގެންވާ ފަރުވާ ދެމުންނުދާތީ އެ ހާދިސާ ހިގިގޮތް ކިޔައި ދިނުމަށް ދައުލަތުގެ ކިބައިން އެދުނެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ދައުލަތުން ތުހުމަތުކުރާ ޝަހީބުގެ ޝަރީއަތުގައި ބުނީ އޭނާ ގަވާއިދުން ކަސްރަތުން ކުރަން ޖެހޭނެކަން ޑޮކްޓަރު އަންގަފާއިވީ ނަމަވެސް ކަރެކްޝަނުން އޭނާ ބަންދުކޮށްފައިވަނީ ހަތަރު ފޫޓޫ ހަތަރު ފޫޓުގެ ގޮޅިއެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ކަސްރަތު ނުކުރެވި އޭނާގެ ބަލި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ ޝަހީބު ކޮންމެ ދުވަހަކު ކަސްރަތު ކުރަން ޖެހޭނެ ކަމަށް އިރުޝާދު ދިނުމުން އޭނާ މާފުށި ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ މާފުށި ޖަލުގައި ކަސްރަތު ކުރެވޭނެތީ ކަމަށެވެ.

ޝަހީބުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޝަހީބަށް ގާނޫނު އަސާސީގައި ބުނާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ހައްގު ނުލިބޭ ކަމަށެވެ. އަދި ޝަރީއަތް ކުރިއަށްދާ ގޮތުގެ ތައާވަލެއް ހޯދުމަށް އެދުމުން އެކަން ކޮށްދީފައި ނުވުމުން މިއަދު މަހްފޫޒު އެދުނީ މައްސަލައިގެ ތައާވަލު ފޯރުކޮށް ދިނުމަށެވެ.

ބަންދުކޮށްފައިވާ ހުރިހާ މީހުން ބޭސް ފަރުވާ ނުލިބޭކަމުގެ ޝަކުވާ ކުރިޔަސް، މައްސަލަ ބެއްލެވި ގާޒީ އަލީ އަލީ އާދަމް ނިންމެވީ އެ އެންމެން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެގޮތަށް ނިންމީ އެއީ ޖިނާއީ ބޮޑުކުށަކަށްވެފައި އެމީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހުތިމާލު އޮތުމުންނެވެ.