ޚަބަރު

ދަން ޖެހުނު ކަމަށް ބުނާ ނަރުހުގެ މަރުގައި ޝައްކުތަކެއް: ފިރިމީހާ ފުރުން މަނާކޮށް މައްސަލަ ތަހުގީގުކުރަނީ

ރިފާ ހަލީލު

އައިޖީއެމްއެޗްގެ ޑަޔަލިސިސް ސެންޓަރުގައި މަސައްކަތް ކުރާ ފިލިޕީންސް އަށް ނިސްބަތްވާ ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނި ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ބުނީ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ ޑަޔަލަސިސް ސެންޓަރުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ. އޭނާ ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އާ އެކު ކަމަށެވެ. އެ ނަރުސް މީހާގެ ފިރިމީހާއަކީ އައިޖީއެމްއެޗްގެ އިމަޖެންސީ (އީއާރް)ގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވެސް ބުންޏެވެ.

އެ މީހާ ބުނީ ނަރުސް މީހާ މި މަހުގެ 19 ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ގެއަށް ދިޔައީ ބްރޭކަށް ކަމަށެވެ. އޭގެ ފަހުން އޭނާ ދަންޖެހި މަރުވެފައިވާ ކަމަށްބުނެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އަޑުތައް ފެތުރިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑުން ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެ މީހާ ބުންޏެވެ.

"ބްރޭކަށް ދިޔައީ އެދުވަހު. އޭގެ ފަހުން އެ ނަރުސް މީހާ އާ އޭނާގެ ފިރިމީހާ އާ ދެމެދު ޒުވާބެއް ހިނގި ކަމަށް ވޭ. ދެން އިމަޖެންސީ އަށް މި ގެނައީ އެ އަންހެން މީހާ ދަންޖެހިގެން މަރުވީ ކަމަށް ބުނެ. ބެޑްޝީޓެއް ބޭނުންކޮށްގެން ދަންޖެހުނު ކަމަށް ބުނެފައިވާ ކަމަށް މައުލޫމާތުލިބެނީ. އެކަމަކު ކަރުގަ ނެތް ކަމަށް އެކަހަލަ އެއްވެސް މާކެއް. ދަންޖެހިއްޖެއްޔާ ކަރު ދެމިފަވެސް ހުންނާނެ ދޯ. އެކަމަކު އޭގެ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ވަނީ." ހާދިސާގެ މައުލޫމާތު "ވަން" އަށް ކިޔައިދިން މީހާ ބުންޏެވެ.

އޭނާ ބުނީ އަޑު އިވިފައިވާ ގޮތުގައި ނަރުސް މީހާގެ ކަރުން ކަނދުރާ ކައިރީގައި އިނގިއްޔެއް ކަހަލަ ނިޝާނެއް ހުއްޓެވެ.

ހާދިސާ ހިނގި ވަގުތު އެ ނަރުސް މީހާ މާލޭގައި ދިރިއުޅޭ ގޭގައި އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅާއި ފިރިމީހާ ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް "ވަން" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި މި މަރުގައި ޝައްކުތަކެއް ހުރުމުން އެ ނަރުސް މީހާގެ ފިރިމީހާގެ ރާއްޖެއިން ބޭރަށް ނުފުރޭ ގޮތް ހަދާފައިވާ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އައިޖީއެމްއެޗުން ބުނީ އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ނަރުހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް މި މަރުގައި ޝައްކުތަކެއް އުޅޭ ކަމެއް ނުވަތަ މަރުވި ސަބަބު ބުނަން ނޭނގޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި އަންހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ. އޭނާގެ ޕޯސްޓް މޯޓަމް ހަދަން ވަނީ ނިންމާފަ އެވެ.