ކުޅިވަރު

ޒުވާން ވޮލީ ޓީމު އެކުލަވާލައިފި، ޓީމަށް އާ އުންމީދުތަކެއް!

ވޮލީބޯޅައިގެ މުސްތަގުބަލަށް ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ގައުމީ 23 އަހަރުން ދަށުގެ ވޮލީ ޓީމުގެ ރޭ އެކުލަވާލައިފިއެވެ.

ރޭ ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވަނީ ގައުމީ 23 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންނާ އެކު ކޯޑް އޮފް ކޮންޑަކްޓެއްް އެކުލަވާލައި، އެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފައެވެ. އިވެންޓްގައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ގައުމީ 23 އަހަރުން ދަށުގެ ވޮލީޓީމު ނަގާފައި ވަނީ ޓްރައިލްތަކެއްގެ ތެރެއިންނެވެ. ޓްރައިލްތަކުގައި 70 ވަރަކަށް ކުޅުންތެރިން ބައިވެރިވެފައިވާއިރު، ރަނޭ ވިދާޅުވީ ގައުމީ ޒުވާން ޓީމުގެ މަސައްކަތް މިހާރު މި ފަށަނީ ރަނގަޅު މިސްރާބަކަށް ދިއުމުގެ ވިސްނުމުގައި ޕްލޭނަކާ އެކީ ކަމަށެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ކުރިން އަންހެން ގައުމީ ޓީމުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. އަދި އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ 15 އަހަރު ގައުމީ ވޮލީ ޓީމަށް ކުޅެދީފައިވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.

ގައުމީ ޒުވާން ޓީމު ކުރިއާލައި އިއުލާނު ކޮށް، ވީއޭއެމްއިން އެޓީމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައި ވަނީ އަންނަ އަހަރުގެ މުބާރާތް ވަރުގަދަކުރުމުގެ އިތުރުން ގައުމީ ސީނިއާ ޓީމަށް ޒުވާން ޓީމުން ކުދިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.