ޚަބަރު

ގދ މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅައިލުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

އައިޝަތު ނިއުޝާ

ގދ މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، މި އެއްބަސްވުމުގެ ދަށުން، 223 މީޓަރުގެ ބްރިޖަކުން ގދ މަޑަވެއްޔާއި ގދ ހާދޫ ގުޅުވައިލުމުގެ އިތުރުން، 160 މީޓަރުގެ ބްރިޖަކުން ގދ ހާދޫ އާއި ގދ ހޯޑެއްދޫ ގުޅުވައިލުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން 262 މީޓަރުގެ މަގު ހެދުން ހިމެނޭ ކަމަށާއި 65 މީޓަރުގެ ހަތަރު ރިވެޓްމެންޓް (ޖުމުލަ 260 މީޓަރު) ގާއިމު ކުރުން ވެސް ހިމެނޭ ކަމަށެވެ.

މިއީ 84،170،699.20 ރުފިޔާގެ މަޝްރޫއެއް ކަމަށާއި މަސައްކަތް ނިންމައި ހަވާލުކުރަން އެމްޓީސީސީ އަށް 300 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މި މަސައްކަތުގެ ދަށުން، ގދ މަޑަވެލި، ގދ ހޯޑެއްދޫއާ ދެމެދު މިހާރު ހަދާފައިވާ ކޯޒްވޭ ނެގުމަށްފަހު، ގދ މަޑަވެއްޔާއި ހާދޫ އާއި ގދ ހޯޑެއްދޫއާ ދެމެދު ދެ ބުރިޖް ގާއިމު ކުރާނެ ކަމަށެވެ.

އެގޮތުން މި މަޝްރޫގެ މައިގަނޑު އަމާޒަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކްވުމުގެ ސަބަބުން ދެރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. މި ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިން ކުރުމަށް ހަމަޖެހިފައިވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް، ބްރިޖްގެ ދަށުން އޮއި ދެމޭ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.