އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ހިންގި ބޮޑު ހިިޔާނާތާ ގުޅޭ ކޮންމެ މައްސަލައެއް ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ނަގާ ކަމަށާއި، އެ މުއްދަތަށްވުރެ މަސައްކަތް އަވަސް ކުރުމަށް އިތުރު ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އެމައްސަލަ ކުރިއަށްގެންދާލެއް ލަސްކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިއުނާ ވިދާޅުވީ ބޮޑު ހިޔާނާބެހޭ 338 މައްސަލައެއް ޖޮއިންޓް އިންވެސްޓިގޭޝަނުން ތަހުގީގް ކުރަމުން އަންނަ ކަމަށާއި އޭގެ ތެެރެއިން 38 މައްސަލަ ތަހުގީގުކޮށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ތަކަކީ އޭސީސީން ކުރިއަށް ގެންދާ އެންމެ ބޮޑެތި މައްސަލަތައް ކަމަށާއި، އެ މައްސަލަތައް އެކަށީގެން ވާ ބާރު މިނެއްގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަތައް އަވަހަށް ކުރިއަށް ގެންދަން އެ ކޮމިޝަނަށް އިތުރު އިންވެސްޓިގޭޓިވް އޮފިސަރުން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެކަމަށް އިތުރު 12 އޮފިސަރުން ބޭނުންވާ ކަމަށާއި އެކަމަށް ހަތަރު މިލިއަން ރުފިޔާ ހަަރދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަންތައްތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް އެ މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު