ކ. މާފުށި ޖަލުން އިންޓަނެޓު ހިދުމަތް ކެނޑޭތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ދަތިވެ ޝަރީއަތް ކުރިއަށް ގެންދަން ބުރޫ އަރާތީ އިންޓެނެޓު ކެޑޭ ސަބަބުން ސާފުކޮށްދޭން ކްރިމިނަލް ކޯޓުން އެދިއްޖެއެވެ.
ކޮވިޑު-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިހާރު ކްރިމިނަލް ކޯޓުގެ ގިނަ ޝަރީއަތްތަށް ކުރިއަށް ގެންދަނީ ވީޑިއޯ އޮންލައިންކޮށެވެ. މިމަހުގެ ކުރީކޮޅުން ފެށިގެން މާފުށި ޖަލުގައި އިންޓަނެޓް މައްސަލަ ޖެހުމުގެ ސަބަބުން ބައެއް ޝަރީއަތްތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ބައެއް ޝަރީއަތްތައް ވަނީ ތާވާލުކޮށްފައިވާ ވަގުތުގެ ލަހުން ފަށާފައެވެ. އެކަމުގެ ސަބަބުން އެހެން ޝަރީއަތްތައް ކެންސަލްކުރަން ޖެހެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި 10:00 ޖަހާއިރަށް ތާވަލުކުރި މަރުގެ މައްސަލައެއްގެ އަޑުއެހުން ފެށުނީ 57 މިނިޓު ލަހުންނެވެ. އެކަން ފާހަގަ ކުރައްވައި އެ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ، މާފުށި ޖަލުގެ އިންޓަނެޓް ކެނޑޭ މައްސަލަ ހައްލުކުރަން އަންގާފައިވާ ކަމަށެވެ. އަދި އިންޓަނެޓު ކެޑޭ މައްސަލަ ސާފުކޮށް ދިނުމަށް ކޯޓުން ވަނީ އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިންޓަނެޓު ކެނޑުމުގެ މައްސަލަ ތަކުރާރުވާނަމަ މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކަރެކްޝަނުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ނުދެއްވައެވެ. ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލް ވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު