ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން އެ މައްސަލައިގައި ބައެއް ކަންތައްތައް ފާހަގަކޮށް އެކަންތައް ފުރިހަމަ ކުރުމަށް ޕީޖީގެ ފަރާތުން އަނބުރާ އޭސީސީއަށް ފޮނުވާފައިވާ މައްސަލަ މިމަސް ނިމުމުގެކުރިން ނިންމާނެ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އޭސީސީން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ދެއްވަމުންނެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކޮށްފައިވަނީ، އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ. އެއަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅަކަށް ދައުވާ ކުރަން އޭސީސީން ދެ ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ނިންމެވިއެވެ.
އެކަމާ ގުޅިގެން އޭސީސީ އާއި އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ފާޑު ކިޔަން ފެށުމުން އެ މައްސަލަ އަލުން ރިވިއު ކުރުމަށް ޕީޖީ ޝަމީމު ނިންމެވިއެވެ. އެގޮތުގެ މަތިން އެކަން ރިވިއު ކުރުމަށްފަހު ބައެެއް ކަންތައްތައް ފުރިހަމަ ކުރުމަށް ފާހަކޮށް ޕީޖީ އޮފީހުން އަލުން އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ކަންތައް ގޮސްފައިވާގޮތް އޮޅުން ފިލުވުމަށް، ކޮމިޓީގައި މެންބަރަކު ސުވާލު ކުރެއްވުމުން، އޭސީސީން ބުނީ، ވެންޓިލޭޓަރު މައްސަލައިގެ ހުރިހާ ބަޔާންތަކެއް ނަގައިފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން އެ މައްސަލަ ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމުމަށްފަހު އަލުން މައްސަލަ ރިވިއުކުރުމަށްފަހު އަނބުރާ އޭސީސީއަށް ފޮނުވިއިރު ދެ ކަމެއް ފުރިހަމަ ކުރުމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ވެންޓިލޭޓަރު މައްސަލައިގެ އެގްރީމެންޓާ ބެހޭގޮތުން ދައުލަތަށް ގެއްލުންތަކެއް ވާ ގޮތަށް ކަންތައްތަކެއް ހިނގާފައިވޭތޯ ބެލުމާއި، އެ މައްސަލައިގައި ހިމެނޭ ފައިސާއާ ބެހޭ ބައެއް މައުލޫމާތުތައް ކަމަށްވެސް ވިދާޅުވިއެވެ.
އެ ކަންތައްތަކާބެހޭގޮތުން ދައުވާކުރަން ހެކި ހުރިއްޔާ ދައުވާކުރުމަށް އަލުން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ