ރިސޯޓު ތަރައްގީކުރުމަށް 18 ރަށެއް ބީލަމަށް ލައިފިއެވެ.
އާ ރަށްތައް އިއުލާންކޮށްފައި ވަނީ ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށް ދިޔަ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމުގައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމުގެ ތިންވަނަ މަރުހަލާގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލި ރަށްތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ ލ. އަތޮޅުގެ ރަށްތަކެވެ.
މިފަހަރު ބީލަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ. އޭގެ ތެރެއިންވެސް ތ. ކަނިމީދޫ، ގދ. ކޑެވާރެހާ، ގދ. ދިގުރެހާ އަދި ގދ. ކޮޑެރަޓާ މިފަހަރުގެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.
މިފަހަރު އަލަށް ބީލަން ހުޅުވާލީ ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި، ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައުއެވެ.
- ހއ. މެދަފުށި - 10.90 ހެކްޓަރު
- ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު
- މ. މާއުސްފުށި - 10.40 ހެކްޓަރު
- ފ. އެނބުލުފުށި - 1.00 ހެކްޓަރު
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު
- ތ. ކާއްޑޫ - 3.9 ހެކްޓަރު
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު
- ލ. ކަށިދޫ - 3.1 ހެކްޓަރު
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު
- ގއ. މާރެހާ - 17 ހެކްޓަރު
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި ރިސޯޓުތައް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ނޮވެމްބަރު ހަތަރެއްވާ ބުރާސްފަތި ދުވަހުގެ 10:00ގައި އަދި އަންނަ އަހަރުގެ ޖެނުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކަށް ފަހު، ބީލަން ހުށަހަޅަން ހަތަރު މަސް ދުވަސް ލިބޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
އެގޮތުން ހއ، ހދ، ށ، ރ އަތޮޅާއި މ، ފ، ތ އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 27 ފެބްރުއަރީއެވެ. ލ، ގއ، ގދ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 28 ފެބްރުއަރީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު