ޚަބަރު

ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުރާވަޑައިގެންފި

އައިޝަތު ނިއުޝާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ހަތަރު ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީއަށް ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ އިތުރުން ފުވައްމުލަކު ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގައި ކުރިއަށްދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން މަޝްރޫއުތައް ފެށުމަށް ޓަކައި ބިންގާ އަޅުއްވައިދެއްވުންވެސް ހިމެނޭ ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށް ކަމަށާއި، އެގޮތުން އެ ސިޓީގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، އަދި އެ ސިޓީގައި ޓްރެއިނިން ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނަވާ ކަމަށާއި، އަދި މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރު 2021 ވާ ހުކުރު ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.