ފްރާންސްގެ ޕީއެސްޖީން ކުޅޭ ކުޅުމުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފެންނަނީ ވަރަށް ބޮޑަށް ބާކީކޮށް ކަމަށް ފުޓުބޯޅަ ލެޖެންޑް، އަދި އެނަލިސްޓް ތިއަރީ އޮންރީ ބުނެފިއެވެ.

ބާސެލޯނާގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ މި ސީޒަނަށެވެ. ފްރާންސް ލީގުގެ ކުޅުމަށް ހޭނުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ލީގު މެޗެއްގައި މިހާތަނަށް މެސީ އަދި ގޯލެއް ޖަހައިފައެއް ނުވެއެވެ. މި ސީޒަންގައި ޕީއެސްޖީއަށް މެސީ ޖެހި ތިން ގޯލުވެސް ފެނުނީ ޗެމްޕިއަންސް ލީގު މެޗުތަކުގައެވެ.

މެސީގެ ފޯމު އެހެން އަހަރުތަކަށްވުރެ ދަށްކޮށް ފެންނަ އިރު، އެކަމާ ގުޅިގެން ފްރާންސްގެ ލެޖެންޑް އޮންރީ ބުނެފައި ވަނީ މެސީގެ މަގާމު އާއްމުކޮށް ފެންނަނީ ގޯސްކޮށް ކަމަށާއި، މެސީއަށް ބޯޅަ ލިބޭ ނިސްބަތް މަދުވަނީ އެހެން ވެ ކަމަށެވެ.

"މެސީ ދެރަވެފައެއް ނޫން އެ ހުންނަނީ. މެސީ ފެންނަނީ ދަނޑުމަތީގައި، ގޭމުން ބޭރުގައި ބާކީ ވެފައި ހުންނަތަން. މެސީއަށް ބޯޅަ ލިބެނީ މާ ބޮޑަށްވެސް މަދުން. އަހަރެން ބޮޑަށް ގަބޫލު ކުރަނީ މެސީއަށް އެންމެ ރަނގަޅު މަގާމަކީ ކުރިން މެދު ތެރެ ކަމަށް. މާ ބޮޑަށް ފަޅިއަށް ނުކުތުމުން މެސީއަށް އުނދަގޫ ވޭ،" ކުރިން މެސީއާއެކު ބާސާއަށް ކުޅުނު އޮންރީ ބުނެފައިވެއެވެ.

އޮންރީ ބުނެފައި ވަނީ އަރިމަތިން މެސީ ކުޅޭއިރު އޭނާއަށް މެޗުގެ ޓެމްޕޯ ގެންގުޅެން އުނދަގޫ ވާނެ ކަމަށާއި، މެސީއަށް އެކަން ކޮށް މެޗު ކޮންޓްރޯލް ކުރަން އެންމެ ފަސޭހަވާނީ މެދުން ކުޅެގެން ކަމަށެވެ. އޮންރީ ބުނެފައި ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ޓެކްޓިކަލް ވިސްނުމަށް އިހުތިރާމު ކުރާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ ހިޔާލަކީ މެސީގެ ނަޒަރުން ވިސްނައި ދިން ހިޔާލެއް ކަމަށެވެ.

އޮންރީ ވަނީ މެސީއާއެކު ބާސާގައި 2007 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް ކުޅެފައެވެ. މެސީގެ ކުޅުން ދަންނަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޮންރީ ބުނެފައި ވަނީ ކިލިއަން އެމްބާޕޭ އަށް ޓީމު ބަރޯސާ ކުރުމުގެ ބަދަލުގައި މެސީއަކީ އެންމެ އިސް ކުޅުންތެރިޔާ ކަމަށް ބަލައިގެން ޓީމު ބައްޓަން ކުރުން މާ ބުއްދިވެރި ވާނެ ކަމަށެވެ.