މިހާތަނަށް ކެރިއަރުގައި ލިބިފައިވާ 17 ތަށި ގުރުބާން ކޮށްގެންވެސް ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާ ކަމަށް އާޖެންޓީނާގެ ތަރި އެންހޭލް ޑިމަރިއާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޑިމަރިއާގެ ކެރިއަރުގައި މިހާތަނަށް 17 ތަށްޓެއް ހޯދާފައިވާއިރު، އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ތަށިވެސް ރެއާލް މެޑްރިޑާއެކު ހޯދައިފައެވެ. 2013-14 ވަނަ އަހަރުގެ ސީޒަންގައި ޑިމަރިއާ ރެއާލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، ޕީއެސްޖީއާއެކު އޭނާ ވަނީ 2019-20 ވަނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެފައެވެ. އެ މެޗުން ޕީއެސްޖީ ބަލިވީ ބަޔާން އަތުންނެވެ.

"އަހަންނަށް މިހާތަނަށް ލިބިފައިވާ 17 ތަށި ގުރުބާން ކޮށްގެންވެސް ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ހޯދަން ބޭނުން. އެ ތަށި ހާސިލްކުރުމާ މާ ދުރަކުވެސް ނޫން މިހާރު މިތިބީ. ކޮންމެހެން މާ މޮޅަށް ނުފެށޭ ސީޒަނެއްގައިވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ. ޕީއެސްޖީއާއެކު އެ ތަށި ނުހޯދައި ނިންމާލަން ޖެހިއްޖެނަމަ އެކަން ވާނީ މާޔޫސީ ކަމަކަށް،" ޑިމަރިއާ ބުނެފައިވެއެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން އަންނަނީ އެކަމަށް ގިނަ ކުޅުންތެރިންތަކެއްވެސް ޓީމަށް ގެންދަމުންނެވެ. ހާއްސަކޮށް ޑިމަރިއާ މިހާރު ޕީއެސްޖީގައި ކުޅެމުން އަންނަނީ އޭނާގެ އެންމެ ގާތް އެއް ކުޅުންތެރިޔާ، އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއާވެސް އެކުގައެވެ. ޑިމަރިއާ ބުނެފައި ވަނީ މެސީއާއެކު ކުޅުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.

"އަހަންނަށް ކްލަބު ކެރިއަރުގައި ނުވެ އޮތް ކަމެއް މެސީއާއެކު އެއް ކްލަބަކަށް ކުޅުމަކީ. އެކަން ހާސިލު ވެއްޖެ. މެސީއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މެސީ ދަނޑުމަތީގައި ކުރާ ކަންކަން އެހެން އެއްވެސް މީހަކަށް ނުކުރެވޭނެ. އެއީ މެސީއާ އަރާ ހަމަ ނުކުރެވޭނެތީ،" ޑިމަރިއާ ބުނެފައިވެއެވެ.

މިހާތަނަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން ކުޅުނު ތިން މެޗުން އެޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ގްރޫޕުގެ އެއްވަނައިގައި ޕީއެސްޖީން މަވަގުތު އޮތްއިރު، އެޓީމުން ވަނީ މިހާތަނަށް ލެއިޕްޒިގާއި މެންޗެސްޓާ ސިޓީވެސް ބަލިކޮށްފައެވެ.