އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާކުރެއްވުމަށް، ރާއްޖޭން ބޭރުގައި ހުންނަވާތީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ފޮރިން ސާވިސްގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ފޮރިން މިނިސްޓަރު ހުންނެވީ އދ. ގެ ވަޒީފާގައި ކަމަށެވެ.

ޝާހިދު އެތަނުގައި ހުންނެވީ ދިވެހި ދައުލަތުން ހަރަދު ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ބޭރު ގައުމުތަކާއި ރާއްޖެއާ ގުޅުވައިދެނީ ފޮރިިން މިނިސްޓަރު ކަމަށާއި، ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ހުންނެވީ ރާއްޖޭގައި ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެ ހާލަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ބޭރުގެ ވަޒީފާއެއްގައި ހުންނެވުމަކީ ޖޯކެއް ނޫންތޯ ވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.

ގާނޫނުއަސާސީއެއް އޮތްއިރު އެފަދަ ކަންކަން ހިނގައި ދިއުމަކީ ޖާހިލިއްޔަ ޒަމާނުގައި ކަންކަން ނުދާ ހިސާބަށް ރާއްޖޭގެ ކަންކަން ދިއުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަން ސޮވްރިން ގައުމަކަށް ވާއިރު، އެގޮތަށް ކަންތައް ކުރިއަށްދާތީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ޝާހިދު ވަކިކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެކަން ނުކުރެވޭނެތީ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.