ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ 12 ޓީމުގެ ބުރު ފެށިގެން ދިޔައީ އިއްޔެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތައް އިއްޔެ ފެށިގެން ދިޔުމާއެކު ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ގަދަ 12 ޓީމުގެ މެޗުތައް ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއިން ދެކުނު އެފްރިކާ ބަލިކުރީ ހަ ވިކެޓުންނެވެ. ދެން ކުޅުނު މެޗުގައި އިންގްލެންޑުން ވެސްޓް އިންޑީސްގެ މައްޗަށް ކުރިހޯދީ ހަ ވިކެޓުންނެވެ. އަދި އެ ގްރޫޕުގައި އިއްޔެ ކުޅުނު ފަހު މެޗުގައި ސްރީ ލަންކާއިން ބަންގުލަދޭޝް ބަލިކުރީ ފަސް ވިކެޓުންނެވެ. ދެން އިއްޔެ ކުޅުނީ ގްރޫޕް ދޭއްގެ ފުރަތަމަ މެޗެވެ. އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަވެސް މެޗެވެ. ވާދަވެރި ދެގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުމެކެވެ.
އިއްޔެގެ މެޗަކީ އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް 2019 ވަނަ އަހަރަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. އެފަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާއިން ޕާކިސްތާނުގެ މައްޗަށް ކުރި ހޯދިއެވެ. ރޭގެ މެޗުގެ ކުރިން ޕާކިސްތާނަށް ވޯލްޑް ކަޕް މެޗެއްގައި އިންޑިއާ ބަލިކުރެވިފައެއް ނުވެއެވެ. 1992 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި 12 ފަހަރަށް އިންޑިއާ އަތުން ޕާކިސްތާނު އޮތީ ބަލިވެފައެވެ. ޓީ20 ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުންވެސް އޮތީ ޕާކިސްތާނު ބަލިވެފައެވެ. ޒަމާންވީ އެ ތާރީހު ރޭ ބަދަލުވެގެން ދިޔައީ ހީނުކުރާ ފަދަ ބޮޑު ނަތީޖާއަކުންނެވެ. އިންޑިއާގެ މައްޗަށް ޕާކިސްތާނުން ރޭގެ މެޗުގައި ކުރި ހޯދީ 10 ވިކެޓުންނެވެ.
ރޭގެ މެޗުގެ ނަތީޖާއަކީ އިންޑިއާގެ ތާރީހުގައިވެސް ވޯލްޑް ކަޕެއްގައި ކުރިމަތިލި އެންމެ ބޮޑު ބައްޔެވެ. އަދި ޕާކިސްތާނުން ވޯލްޑް ކަޕް މެޗެއްގައި 10 ވިކެޓުން މޮޅުވެފައި ވަނީ ފުރަތަމަ ފަހަރަށެވެ. ބޮލީވުޑްގެ އެތައް ތަރިންނަކާއި އިންޑިއާގެ އެތައް ހާސް ބަޔަކު ރޭގެ މެޗަށް ޑުބާއީ ސްޓޭޑިއަމްއަށް ވަދެ ތިބިއިރު، މުޅި ސްޓޭޑިއަމުން ފެނުނީ ޕާކިސްތާނުގެ އުފާފާޅުކުރުމެވެ. ރޭގެ މޮޅުގެ ޖަޒުބާތުގައި ޖެހި ޕާކިސްތާނުގެ ކެޕްޓަން ބާބާ އަޒާމްގެ ބައްޕަވެސް ފެނުނީ ފެންކަޅިވެފައިވާ މަންޒަރެވެ.
ރޭގެ މެޗު މުޅި ޕާކިސްތާނުގެ ސިނަމާތަކާއި ރެސްޓޯރަންޓުތަކުގެ އިތުރުން ފިހާރަތަކުގައިވެސް ބަލާފައިވާއިރު، ކުރީގެ ކްރިކެޓް ކެޕްޓަން އަދި މިހާރުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ މެޗު ނިމުމާއެކު މަރުހަބާ ވިދާޅުވެފައެވެ. ޓީމާމެދު މުޅި ޕާކިސްތާން ފަހުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޗުގައި ފުރަތަމަ ކުޅެން އެރީ އިންޑިއާއިންނެވެ. އުކުމުގައި ޕާކިސްތާނު ވަރުގަދަކޮށް ފެނިގެން ދިޔައިރު، 20 އޯވަރުން ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 152 ލަނޑެވެ. އުކުމުގައި ޕާކިސްތާނަށް ތަފާތު ދެއްކީ ޝާހީން އަފްރީދީއެވެ. އަފްރީދީ ތިން ވިކެޓު ނެގިއެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ތަރި ވިރާތު ކޯލީއެޗެ. ކޯލީ ވަނީ 57 ލަނޑު ހަދާފައެވެ.
ބަދަލުގައި ކުޅެން އަރައި ޕާކިސްތާނުގެ ބާބާ އަޒާމް އާއި މުހައްމަދު ރިޒުވާން ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ. ދެ ކުޅުންތެރިންވެސް ނުބައި ނުވެ، އިންޑިއާ ބަލިކޮށް ތާރީހީ މޮޅެއް ހޯދައިދިނެވެ.
މެޗަށްފަހު ރިޒުވާން ބުނެފައި ވަނީ "މޮޅާއެކު މުޅި ޕާކިސްތާނުގެ އުފާވާނެ،" ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެހެންނަމަވެސް މިއީ އަދި މުބާރާތް ނިމުން ނޫން ކަމަށާއި، މެޗަކަށްފަހު މެޗަކަށް ވިސްނައި، މި މެޗުން ލިބުނު ހިތްވަރުގައި ކުރިއަށް ދިޔުން މުހިއްމު ކަމަށްވެސް ރިޒުވާން ފާހަގަކުރިއެވެ.
"29 އަހަރުގެ ކަރުނަ މި ބަދަލުވީ ހިތްހަމަ ޖެހުމަށް، އުފާވެރިކަމަށް. އަހަރެން ހަޔާތުގައިވެސް ކްރިކެޓު މެޗަކުން މިހާ ބޮޑު އުފުލެއް ލިބިފައެއް ނެތް. މިއީ ތާރީހު ލިޔެލި މޮޅެއް،" ޕާކިސްތާނުގެ ޓެސްޓް މެޗު ކޮމެންޓޭޓަރު އާތިފް ނަވާޒް ބުނެފައިވެއެވެ. އެއީ މުޅި ޕާކިސްތާނަށް ގެނައި އިހުސާސެވެ. ރޭގެ މެޗަކީ ތާރީހީ މެޗެކެވެ. ޓީ20 ކްރިކެޓުގެ ތާރީހުގައިވެސް ޕާކިސްތާނުން ރޭ އިންޑިއާ ބަލިކުރި މެޗު ލިޔެވޭނީ ޖަޒުބާތީ މެޗެއްގެ ގޮތުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު