ބަނގުރާ ބުއި މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން 40 އެތިފަހަރުން ހައްދުޖަހައި 13 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބަނގުރާ ބުއިމުގެ ކުށް ސާބިތުވެފައިވަނީ، ކ.ކާށިދޫ، ސްނޯވައިޓް، އަހުމަދު ވަސްމީގެ މައްޗަށެވެ.

ދައުލަތުގެ ފަރާތުން ވަސްމީގެ މައްޗަށް ދައުވާ އިއްވަމުން ވިދާޅުވީ، އަހުމަދު ވަސްމީ އިތުރު މީހަކާއެކު މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު 10:30 އެހާކަންހާއިރު ހުޅުމާލޭ ފިތުރޯނުމަގު ފެރީޓާމިނަލް ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް އެވަގުތަކީ ހުއްދަނެތި ބޭރުގައި އުޅުން މަނާ ވަގުތެއް ކަމަށްވުމުން، ހުއްދާ އޮތްތޯ ޗެކްކުރުމަށް ފުލުހުން އެ ދެ މީހުން ހުއްޓުވި ވަގުތު އެ ދެ މީހުން ބަނގުރާ ބޮއިގެން ތިބި ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން ވަސްމީ ބަނގުރާ ބޯ މީހެއް ކަމަށް ބުނެ އިއުތިރާފު ވެފައި ވާތީ، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ކުރާ ކަމަށެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ހައްގުތައް ވަސްމީއަށް ވަނީ ސާފުކޮށްދެއްވައިފައެވެ. އިބްތިދާއީ އަޑުއެހުމުގައި ވަސްމީ ބުނީ، މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ލިބިފައިވާ ކަމަށާއި، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި އަމިއްލައަށް ކަމަށެވެ. ވަސްމީ އެހުން ބުނުމުން ޝަރީއަތުން ވިދާޅުވީ، މައްސަލައިގެ ކޮންމެ މަރުހަލާއެއްގައި ވެސް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވަސްމީ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން ދައުވާއަށް އިއުތިރާފު ވެފައެވެ. އަދި ދައުވާ އިއުތިރާފުވީ އެއްވެސް ފަރާތެއްގެ ބިރު ދެއްކުމެއް، މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. ވަސްމީ އިއުތިރާފު ވުމުން ދެން މި މައްސަލަ ބެލީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައެވެ.

ބަނގުރާ ބުއިމުގެ ދައުވާއަށް ވަސްމީ އިއުތިރާފުވެފައިވާތީ ޝަރީއަތުން ނިންމީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން ކަމަށެވެ. އެހެންކަމުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނެވެ. ދައުލަތުން ވިދާޅުވީ، ބަނގުރާ ބުއިމުގެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުން ކަމަށާއި، ނަމަވެސް ވަސްމީ ދައުވާއަށް އިއުތިރާފުވެފައިވާތީ އަދަބަކީ 27 ދުވަހަށް ޖަލަށް ލުން ކަމަށެވެ. އަދި އަދަބު މަތިކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ވެސް ދައުލަތުން ވިދާޅުވި އެވެ. ވަސްމީ އެދުނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ޝަރީއަތުން ނިންމީ، ބަނގުރާ ބުއިމުގެ ކުށުގެ އަދަބެއްގެ ގޮތުން ވަސްމީ 40 އެތިފަހަރުން ހައްދުޖެހުމާއެކު 13 ދުވަހަށް ޖަލަށްލައި 2600 ރުފިޔާއިން ޖޫރިމާނާ ކުރުމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ސޮފްއަތު ހަބީބެވެ.