އިޓަލީގެ ލެއިޝާ އެއާލައިން، ނިއޯސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ނިއޯސްގެ ދަތުރުތައް މިދިޔަ އަހަރުގެ ފަހުކޮޅުވެސް ރާއްޖެއަށް ފަށަން އުޅުނެވެ. ނަމަވެސް އިޓަލީގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ދަތުރުތައް އޮތީ ނުފެށިއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު މިއަދު "ވަން" އަށް ވިދާޅުވީ، ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ނިއޯސްގެ ދަތުރުތައް އިއްޔެ ފަށާފައިވާ ކަމަށެވެ.

އެގޮތުން ނިއޯސް އިން އިޓަލީގެ މިލާން އަދި ރޯމުން ރާއްޖެއަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ސީދާ ދަތުރުތައް ބާއްވާނެ ކަމަށާއި އެ ދަތުރުތަކުގައި ބޭނުން ކުރާނީ 350 ޖާގައިގެ މަތިންދާ ބޯޓުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީއަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީންނެވެ. އެއީ 46،690 ފަތުރުވެރިންނެވެ. އަދި އޭގެ ކުރީ އަހަރު އިޓަލީން 136،343 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި 10 މާކެޓުގެ ތެރޭގައި އިޓަލީއެއް ނުހިމެނެއެވެ.