ރާއްޖޭގައި ކުލަބުތައް ބޯޅަ ކުޅޭތަން ބަލަން ވަންނަ މީހުންގެ އަދަދު ދަނޑަށް ފެން ޖަހާ މީހާއާ ހަމައަށް ތިރިވެއްޖެ، ކަމަށާއި، ކިތަންމެ ލަވައެއްކީ ނަމަވެސް ދަނޑަށް މީހުން ނުވަދެ އަޅުގަނޑުމެންނަށް މޮޅެއް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހަށް ހުށަހެޅިފައިވާ ބިލުތައް އަވަހަށް ނިންމުމުގެ މުހިއްމުކަމާބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި، އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އޮތް ކުޅިވަރުގެ ގަނޫނަށް އިސްލާހު ގެނައުމުގެ ބިލާބެހޭ ގޮތުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށެވެ.

އެއަށްފަހު ވިދާޅުވީ، "މާލޭ ދަނޑަށް ބޯޅަ ކުޅޭތަން ބެލުމަށް ކުލަބުތައް ކުޅޭއިރުގައި ފެންޖަހާ މީހާއާ ހަމައަށް ތިރިވެއްޖެ، ނުވަދެ އެތަނަކަށް، އަޅުގަނޑުމެންނަކަށް މޮޅެއް ނުވެވޭނެ ކުޅި ބަލާނެ މީހަކު އެއްގޮތަކަށްވެސް ނެތް ތަނެއްގައި، ވަރަށް ދަތި ކަމަކަށް ވެގެންދާނެ ކިތަންމެ ލަވައެއް އަޅުގަނޑުމެން ކީ ނަމަވެސް އަދި ކިތަންމެ ގައުމީ ޖޯޝެއް އަޅުގަނޑުމެން ނެރުނުކަމުގައިވިޔަސް،" ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކަމެއް ހިނގަނީ އެތައް ކަމެއް ކޮށްގެން ކަމަށެވެ.

ކުޅިވަރާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލެއް ކުޅިވަރުގެ ގާނޫނަށް ގެނެސް އެކަންކަން ބާރަށް ކުރިއަށް ގެންދެވޭތޯ ބެލުމަކީ ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު، ހދ.ކުޅުދުއްފުށީގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ގުޅުނު ފުޓުބޯޅަ މެޗާ ބެހެގޮތުން އެކަނިކުފާނު ވިދާޅުވީ އެދުވަހުގެ މެޗް ބަލަން ހަމަ ރަނގަޅަށް ދަނޑަށް މީހުން ވަތް ކަމަށެވެ. އެހެންކަމުން ރަށްރަށުގެ ކުޅިވަރު ފޯރި އިތުރު ކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން ދަންނަވާއިރުގައި އިއްޔެ ކުޅުދުއްފުށީގައި ބޯޅަ ކުޅުނުއިރު ހަމަ ރަނގަޅަށް ވަދެ ތިބި ކުޅިވަރަކީ ބޯޅަ ނޫން ކަމަށް ޒަމާނީގޮތުން ބުނަނީ ދެން އަޅުގަނޑުމެނަށް އަބަދުވެސް ކިއެނީ ބޯޅަ، މާފުކުރައްވާ، އެކަހަލަ މުސްކުޅި ގޮތެއް ހުރީމަ، ވަރަށްބޮޑަށް ފާހަގަވި އެ މެޗަށް ވަރަށްގިނަ ކުޅިބެލުންތެރިން ވަދެތިބި ރަށްރަށުގެ ކުޅިވަރުގެ ފޯރި އިތުރުރެވޭނެ ގޮތްތައް ހޯދޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.