ޚަބަރު

މޫސުމީ ބަދަލުތަކުން ލިބޭނެ އެންމެ އަވަސް ގެއްލުމަކީ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ޑިފޯލްޓް ވުން: ނަޝީދު

މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭނެ އެންމެ އަވަސް އަދި އެންމެ ފުރަތަމަ ގެއްލުމަކީ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ޑިފޯލްޓް ވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި ހިމެނޭ 48 ގައުމުގެ ތެރެއިން ގިނަ ގައުމުތަކަކީ، އެގައުމެއްގެ ބަޖެޓުގެ 20 ޕަސެންޓް، ދަރަނި ދެއްކުމަށް ހާއްސަކޮށްފައިވާ ގައުމުތައް ކަމަށެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކަށް ނާޒުކު ހުރިހާ ގައުމުތަކެއްގެ ދަރަނިވެސް ޑިފޯލްޓް ވާނެ ކަމަށާއި އެއީ އެއްވެސް ގައުމަކުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ ނެތިއްޔާ، ރާއްޖެއިން ދައްކަން ޖެހޭ ދަރަނި އަނބުރާ ނުދެއްކޭނެ،" ގްލާސްގޯގައި ބާއްވާ ކޮޕް-26 ތިމާވެށި ސަމިޓުގައި އުފާވެރި ހަބަރެއް އިވިގެން ގޮސްދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮޕް-26 އަށް ސީވީއެފްގެ ގައުމުތަކުން ދާނީ އެއް ވިސްނުމެއްގައި ކަމަށެވެ. އަދި އެ ވިސްނުންތަކުގެ ތެރޭގައި ދަރަނިތައް ރީސްޓްރަކްޗާ ކުރުން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ކޮޕް-26 ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 31 އިން ނޮވެމްބަރު 12 ވަނަ ދުވަހާ ހަމައަށެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ވަނީ ކުރިން ކުރައްވައިފައެވެ.