ކުޅިވަރު

އިންޓަ ކައިރިން ޔުވެންޓަސް ސަލާމަތް ކޮށްދިނީ ބެންޗުން އެރި ޑިބާލާގެ ޕެނަލްޓީން

އިޓަލީ ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށްވާ އިންޓަ މިލާނާއި ޔުވެންޓަސްގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެއެވެ.

އިންޓަގެ ތާރީހީ ސަންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެރެއާ އޭގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އެޑިން ޒެކޯ ޖެހި ގޯލާއެކު އިންޓަ މެޗުން މޮޅުވާން ދަނިކޮށް، ޔުވެންޓަސްއިން ޕޮއިންޓެއް ހޯދީ މެޗުގެ 89 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ.

ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު ޔުވެންޓަސް އަށް ގަދަ ހަތަރެއްގެ އުންމީދު ދެމެހެއްޓިފައިވާއިރު، އެޓީމަށް ނުވަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ ހަވަނައިގައި ޔުވެންޓަސް އޮތްއިރު، ފަސްވަނައިގައި އޮތް އެޓަލާންޓާއަށްވެސް ނުވަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ރޯމާ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓާ އެކުގައެވެ. އިންޓަ މިލާން މިވަގުތު ތިންވަނައިގައި އޮތީ ނުވެ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ސެރެއާ އޭގެ އެއްވަނައިގައި މިވަގުތު ނަޕޯލީ އޮތްއިރު، ދެވަނައިގައި އޮތީ އޭސީ މިލާނެވެ.

މެޗުގެ ކުރީކޮޅުގައި ޒެކޯ އިންޓައަށް ލީޑު ނަގައިދިނީ ހަކާން ޗަލަނޯލޫގެ ބާރު ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އެގޯލާއެކު އިންޓައިން ތިން ޕޮއިންޓު ނަގަން ދަނިކޮށް ޔުވެންޓަސް އަށް ޕެނަލްޓީ ލިބުނީ 89 ވަނަ މިނެޓުގައެވެ. އިންޓަގެ ނެދަލޭންޑްސް ޑިފެންޑަރު ޑެންޒިލް ޑަމްފްރައިސް، އޭރިއާ ތެރެއިން ޔުވެންޓަސްގެ އެލެކްސް ސާންޑްރޯއަށް ފައުލް ކުރިކަމަށް ބަލައި، ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރްވެސް ބެލުމަށްފަހުއެވެ.

އިންޓަގެ ބެންޗުން ޕެނަލްޓީ އަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާއިރު، އިންޓަ ކޯޗު ސައިމަން އިންޒާގީގެ ޝަކުވާތަކާއެކު ރެފްރީ ވަނީ އޭނާ ބެންޗުން ފޮނުވާލައިފައެވެ. ޔުވެންޓަސްއަށް މެޗުގައި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ޑިބާލާއެވެ. މިހާތަނަށް ޔުވެންޓަސްގައި ޑިބާލާ ޖެހި 20 ޕެނަލްޓީގެ ތެރެއިން 18 ޕެނަލްޓީއެއް ވަނީ ކާމިޔާބު ކޮށްފައެވެ.