ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު އެލް ކްލެސިކޯގައި ބާސެލޯނާ ބަލިކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި މިރޭ ކުޅުނު ކްލެސިކޯ ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ރެއާލުން ވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދައި، ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށްވެސް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޗުން ބަލިވެ ބާސާ އަށްވަނައިގައި އޮތް އިރު، ނުވަ މެޗުން އެޓީމަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެ ނަތީޖާތަކާއެކު ކޯޗު ރޮނަލްޑޯ ކޯމަންއަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.
މިރޭގެ ކްލެސިކޯއަކީ މިދިޔަ 17 ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލްގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި ސާޖިއޯ ރާމޯސް ނެތި ކުޅުނު ފުރަތަމަ ކްލެސިކޯއެވެ. މީގެ ކުރިން މެސީއާއި ރާމޯސް ނުލައި އެންމެފަހުން ކްލެސިކޯއެއް ކުޅުނީ 2004 ވަނަ އަހަރުއެވެ.
ޔޫރަޕް ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް މިއީ އާ އެރާއެއްގެ ފެށުމެވެ. ބާސާއާއި ރެއާލުންވެސް މިރޭގެ މެޗަށް ނުކުތީ އާ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން ރެއާލް 75 މެޗުން މޮޅުވެފައި އޮތް އިރު، ބާސެލޯނާ ވަނީ މީގެ ކުރިން 72 ކްލެސިކޯ ކާމިޔާބުކޮށްފައެވެ. ބާސާއާއި ރެއާލް ކުރިމަތިލި 32 ކްލެސިކޯއެއް ވަނީ އެއްވަރުވެގެން ނިމިފައެވެ.
މިރޭގެ މެޗުގައި ޒުވާން ކުޅުންތެރިންތަކެއް ދެޓީމުގެ ފުރަތަމަ 11 އިންވެސް ފެނިގެން ދިޔަ އިރު، މެޗުގައި ތަފާތު ދެއްކުމުގައިވެސް އެ ކުޅުންތެރިންގެ ދައުރު ފެނުނީ ބޮޑުކޮށެވެ. ބާސާގެ އަންސޫ ފަޓީއާއި ރެއާލްގެ ތަރި ވިނީޝިއަސް ޖޫނިއާގެ ނުރައްކާވެސް މެޗުގައި ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ދެ ކުޅުންތެރިންނަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ރެއާލުން ކުރިއަށް ޖެހި ކުޅުނު ނަމަވެސް އެޓީމުން ބޮޑަށް ސަމާލުކަން ދެމުން ދިޔައީ ކައުންޓާ އެޓޭކް ފުރުސަތުތަކަށެވެ. ބާސާގެ ކޮންމެ ކޯނަރެއްގައިވެސް ކުރިއަށް ޖެހި ރެއާލުން ނުރައްކާ ކުރަން މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ 25 ވަނަ މިނެޓުގައި ބާސާގެ ސާޖިއޯ ޑެސްޓަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި އޭގެ ފަހުން ޖެރާޑު ޕީކޭ ބޮލުން ޖެހި ބޯޅަވެސް ގޯލާ އަމާޒުނުވެ ދިޔައީ ކިރިޔާއެވެ.
ރެއާލުން ފުރަތަމަ ހާފުގައި ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. ފުރިހަމަ ކައުންޓާ އެޓޭކެއްގައި ޑިފެންޑަރު ޑޭވިޑް އަލާބާ ކުރިއަށް ޖެހި، އޭރިއާ ކަނުން ގޯލުގެ ކަނަށް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށް ރެއާލުން ކޭމްޕް ނޯގައި ލީޑު ނެގިއެވެ. އެ ލީޑާއެކު ރެއާލުން ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ އަނެއްކާވެސް ބާސާއިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލިއެވެ. އަންސޫ ފަޓީގެ ހަމަލާ މަތަކުރީ ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޝުއާއެވެ.
އަނެއްކޮޅުން މޮޑްރިޗަށް ލިބުނު ފުރުސަތެއްވެސް ބޭކާރުވެގެން ދިޔަ އިރު، މެޗުގެ ދެވަނަ ގޯލެއް ފެނުނީ މެޗު ނިމެން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ރެއާލްގެ ލޫކަސް ވަޒްކުއޭޒްގެ ފަރާތުންނެވެ. އެ ގޯލަށް ތިން މިނެޓު ފަހުން ބާސާގެ ސާޖިއޯ އަގުއޭރޯގެ ގޯލެއް ފެނުނު ނަމަވެސް ނަތީޖާ ހަމަހަމަ ކުރަން އެޓީމަށް ވަގުތެއް ނުލިބުނެވެ. އަގުއޭރޯގެ އެ ގޯލަކީ ބާސާ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ