އދ. ދަނގެތި، މޮނަލާޒް، މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ތުހުމަތުކުރަނީ ބަންގުލަދޭޝްގެ މުހައްމަދު ސާލިމަށް އެކަނި ކަމަށް ފުލުހުން ބުނެފިއެވެ.
ވިޔަފާރިވެރިޔާ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރީ ޝާ އަލޮމް މިއާ (ސާލިމް) ކަމަށާއި އޭނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެ މައްސަލައިގައި ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއްް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ ކަމަށާއި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހަކިތަކެއް ވަޅުލާފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މަހުމޫދު މަރާލުމުގައި ސާލިމުގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި އެރަށުގެ މީހުން ފުރަތަމަ ތުހުމަތުކޮށްފައިވަނީ އއ. ތޮއްޑުއަށް ނިސްބަތްވާ ދެ މީހަކަށެވެ. ދަނގެތީ ރައްޔިތުން ނުކުމެ އެ ދެ މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރުމުން ވަނީ އެމީހުން ގެންދިޔައީ އދ. މަހިބަދޫއަށެވެ. އެއީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އެވެ.
މަހުމޫދުގެ މަރާއެކު ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދުމުން، އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ފަހުން އެމީހުން ވަނީ އެހެން މައްސަލައެއްގައި ހައްޔަރުވެސް ކޮށްފައެވެ.
ނަމަވެސް ފުލުހުން މިއަދު ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 އަހަރުގެ ފިރިހެނެކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުން އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާވެސް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު