އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މިމަހުގެ 14 ވަނަ ދުވަހު ފެނުނު އެ ރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި އެރަށު ރައްޔިތުން ތުހުމަތު ކޮށް ފުލުހުންނާ ހަވާލު ކުރި އއ. ތޮއްޑޫ އަށް ނިސްބަތްވާ ދެ މީހުން ދޫކޮށްލައިފި އެވެ.
މަހުމޫދު އަބޫބަކުރު ރަހުމުކުޑަ ގޮތަކަށް މަރާލުމާއެކު އެ ރަށުގެ ރައްޔިތުން ނުކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރިއެވެ. އެއީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އެވެ.
ދަނގެތިން އެ މީހުން ގެންދިޔައީ އދ. މަހިބަދު އަށެވެ. އަދި އޭގެ ފަހުން އެ މީހުން ވަނީ އެހެން މައްސަލައެއްގައި ހައްޔަރުވެސް ކޮށްފަ އެވެ.
މަހުމޫދުގެ މަރާއެކު ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދުމުން އެ ދެ މީހުންނާއެކު އެއް ގެއެއްގައި އުޅުނު އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު ދަނގެތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 އަހަރުގެ ފިރިހެނެކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުން އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އަދި އަންހެން މީހާވެސް މިމަހުގެ 21 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ތިން މީހުން އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަނގެތީ ރައްޔިތުން ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށެގެ އާންމު މަސްލަހަތު ނަގައިލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ މުޖުތަމައުގެ ސަލާމަތާ އަދި އެމީހުންގެ ރައްކާތެރިކަމަށް ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ފަހުން އެ މީހުން ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަން މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
މަހުމޫދުގެ މަރުގެ މައްސަލަ އާ ގުޅިގެން ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސްފައި ހުންނަ ސާލިމް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އޭނާ ދިރިއުޅޭ ގެއިންނާއި އެ ރަށުގެ އެކި ތަންތަނުން މި މަރާގުޅޭ ގިނަ ހެކިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ. މައުލޫމާތު ފެތުރިފައިވާ ގޮތުގައި މަހުމޫދު މަރާލި ގޮތް ބިދޭސީ މީހާ ލައްވައި ވަނީ ކުޅުވައިފަ އެވެ.
މަހުމޫދު މަރާލުމަށްފަހު ސުތުލި ގޯންޏެއް ބޮލަށާއި ފަޔަށް މަހާލުމަށްފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ފެން ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނުނީ އޭނާ ނުފެނިގެން ހޯދަމުން އަންނަނިކޮށް މިމަހުގެ 14 ވަނަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު