މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ގައްދޫ ކޯޓުން، ގައްދޫ، ދޮންބަގީޗާގެ، އަބްދުﷲ އާދަމަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ މިމަހުގެ ތެރޭގައެވެ. މި ހުކުމާ ގުޅިގެން އޭނާ ކަރެކްޝަނަލް ސާވިސް އާ ހަވާލު ކުރުމަށް ގދ. ތިނަދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް އިދާރީ ކަންކަމާއި ދަތުރުފަތުރު ކަންކަން ހަމަނުޖެހޭތީ، މާލެއަށް ނުގެނެވި އުޅެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އަތޮޅުތެރޭގެ ރަށެއްގައި ހުރި މީހަކަށް ހުކުމެއް ކޮށްފިނަމަ އާންމު އުސޫލުން އެ މީހަކު ކަރެކްޝަނާ ހަވާލު ކުރާނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. މިކަމަށް "ދިގު ޕްރޮސެސްއެއް" އޮތް ނަމަވެސް އެންމެ ލަސްވެގެން އެމީހަކު ތިނެއް ނޫނީ ހަތަރު ދުވަސްތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލު ކުރެވޭ ކަމަށް ކަރެކްޝަނުން ބުނެ އެވެ. މިގޮތަށް ގެންދާ މީހުން ކަރެކްޝަނާ ހަމަޔަށް ގެންދިޔުމުގެ ދަތުރުފަތުރު ހަމަޖައްސަނީ ފުލުހުންނެވެ. އެހެން ނަމަވެސް އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ފަސް ވަރަކަށް ދުވަސް ފަހުން ހާޓް އެޓޭކެއް ޖެހި ތިނަދޫގައި އޭނާގެ ހާލު ބޮޑުވެ މަރުވުމުން ބައެއް ފަރާތްތަކުން ވަނީ އެހާ ދުވަސް ވަންދެން ކަރެކްޝަނާ ހަވާލު ނުކުރެވި އޮތް މައްސަލަ ނަގައިފަ އެވެ. މާލޭގައި ނުވަތަ މާލެ ކައިރީގައި ނަމަ ރަނގަޅު ފަރުވާ އަވަހަށް ދެވި ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން "ވަން" އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، އޭނާ ކަރެކްޝަނާ ހަވާލު ނުކުރެވުނީ ދަތުރު ހަމަނުޖެހިގެން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ކަރެކްޝަންގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ކުށެއް ސާބިތުވެ ހުކުމް ކޮށްފައި ހުރި މީހަކު ކަރެކްޝަނާއި ހަވާލު ނުކުރާހާ ހިދަކު އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެގޮތުން އަބްދުﷲ ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އޭނާ ބަލިވެ ހާލު ދެރަވެގެން އާއިލާ އާ ހަވާލު ކުރުމަށް ފުލުހުން ކަރެކްޝަނުގައި އެދުނު ކަމަށާއި ބަލި ހާލަތަށް ރިއާޔަތްކޮށް މިމަހުގެ 21 ވަނަ ދުވަހު އޭނާ އާއިލާ އާ ހަވާލު ކުރުމަށް ފުލުހުންނަށް އެންގި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ފަސް ވަނައަށް ވީ ދުވަހުގެ ވަގުތެއްގައި އޭނާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ވަން" އަށް މައުލޫމާތު ދެމުން އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބުނީ، އަބްދުﷲ ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނީ ފުލުހެއްގެ ފަރާތުން ކަމަށެވެ. ނަމަވެސް ގެންދިޔަ ސަބަބު ނުބުނާ ކަމަށެވެ. ހޮސްޕިޓަލަށް ދިޔައިރު އަބްދުﷲ އޮތީ ބާއްވާފައި ކަމަށާއި އެވަގުތު އޭނާ އާ ވާހަކަވެސް ދެއްކި ކަމަށެވެ.
"ދޮންބެ އެއީ. ދޮންބެ ގާތު އެހިން ވީ ކިހިނެއްތޯ. އެހީމަ ބުނީ ފާހަނާގަ ހުއްޓާ މޫނު މައްޗަށް އަނދިރިވެގެން ފާޑަކަށް ބޮލުގަ ރިއްސީ ކަމަށް. ދެން ވަރަށް އެހިން ދޮންބެ ގާތު އިތުރު ކަމެއް އުޅޭތޯވެސް. ބުނީ ނޫނެކޭ. އެއީ 18 ވަނަ ދުވަހު އިރުއޮއްސެން އުޅެނިކޮށް. ދެން އެރޭ ދަންވަރު ބޭބެ ސަކަރާތް ވީ. މައިނަރ ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނަނީ. ދެން އޭގެ ފަހުން ހެނދުނު ރަނގަޅުވެފަ އެދުވަހު 10 ޖެހި އިރު އަނެއްކާ ސްޓްރޯކެއް ޖެހިގެން އައިސީޔޫއަށް ލީ." އޭނާ ކިޔައިދިނެވެ.
އައިސީޔޫ އަށް ލީ ފަހުން އަބްދުﷲގެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށާއި ހޭވެސް ނާރާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އޭނާ ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި އޭގެ ފަހުން މަޑުމަޑުން ގުނަވަންތައް ފެއިލް ވަމުންދިޔަ ކަމަށް ޑޮކްޓަރުން ބުނިކަމަށްވެސް އޭނާ ބުންޏެވެ.
"19 ވަނަ ދުވަހު އައިސީޔޫއަށް ލީ. ދެން 20 ވަނަ ދުވަހު ފޯމެއް ގެނައި އާއިލާއިން ސޮއި ކުރަން ޖެހޭ ފޯމެއް ކަމަށް ޑޮކްޓަރުން ބުނަނީ. ފަރުވާގެ ކޮންމެވެސް ކަމެއް އެއީ. އެއީ ކޮން ފޯމެއް ކަމެއް މިވަގުތު ހަނދާނެއް ނެތް. އޭރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ. އާއިލާ އާ ދޮންބެ ހަވާލު ކުރީމަ އެ ފޯމުގަ ސޮއި ކުރެވެން އޮތީ. އޭރު އައިސީޔޫގަ އޮތް އިރުވެސް ބޭރުގަ ފުލުހުން ތިބޭ. ދެން ފުލުހުން ބުނީ ކަރެކްޝަނުންނޭ އާއިލާ އާ ހަވާލު ކުރުމަށް ގޮތް ނިންމާނީ. ބުނެފަ އެމީހުން ރިކުއެސްޓް ކޮށްލީމަ ކަރެކްޝަނުން އާއިލާ އާ ހަވާލު ކުރީ 21 ވަނަ ދުވަހު." އޭނާ ކިޔައިދިނެވެ.
އަބްދޫﷲ އިތުރު ފަރުވާ އަށް މާލެ ނުގެނުވުނީ ހާލު ސީރިއަސް ކަމުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާގެ މީހާ ވަނީ ބުނެފަ އެވެ. އަދި މަސައްކަތް ކުރީ މާލެ ގެނައުމަށްވުރެ ބޮޑަށް އެ ކޮޅުން ފަރުވާދީގެން ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.
އަބްދުﷲ އެންމެ ކުޑައިރުއްސުރެން ބަލައި ބޮޑުކުރި އެނާގެ ބޮޑުދައިތަ ސަމީނާ އާދަމް "ވަން" އަށް މިއަދު ބުނީ އެއީ އޭނާގެ ދޮށީ ދަރިފުޅު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލުގައި ބޭއްވިކަން އެނގުނީ އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ ސަމީނާގެ ދަރިއެއް ގުޅާފައި ބުނުމުން ކަމަށެވެ.
"އަހަރެން ހީކުރީ އަބްދުﷲ ގެންދިޔައީ މާފުށީ ޖަލަށް ކަމަށް. ދެން އަހަރެންގެ ދަރިފުޅު އޭނާ އުޅެނީ ތިނަދޫގަ. އޭނަޔަށް ތިނަދޫ ފުލުހަކު ގުޅާފަ މިބުނީ ބޭބެ ބަލިވެގެން ހޮސްޕިޓަލަށް ގެންދާ ވާހަކަ. އެހިސާބުން މިއެނގުނީ މަގޭ އަބްދުﷲ މި ގެންދިޔައީ ތިނަދޫ ޕޮލިސްޓޭޝަނަށް ކަން. ދެން އޭނާ ހޮސްޕިޓަލަށް ގެންދިޔަތާ ތިން ވަނަ އަށް ވީ ދުވަހު އަހަރެންނަށް ތިނަދު އަށް ދެވުނީ. އޭރުވެސް މަގޭ އަބްދޫﷲގެ އެއްވެސް ކަމެއް ނެތް." އަސަރާއެކު އޭނާ ކިޔައިދިނެވެ.
ސަމީނާ ބުނީ އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އޭނާ އަކީ ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމަށެވެ. އަދި އެއްވެސް ބޮޑު ބައްޔެއް ހުރި މީހެއް ކަން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ރޭ މަރުވި އިރު އޭނާގެ ހިތާއި ސިކުނޑި އާއި ކިޑްނީވެސް ފެއިލް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ބުންޏެވެ.
"ފުލުހުންގެ ފަރާތުން ކަމެއް ވީއެކޭ ނުބުނާނަން. ކަމެއް ދިމާވާނީ ބުނެފައެއް ނޫން. އޭނަ އަކީ ބުރަ މަސައްކަތް ކޮށްގެން އުޅުނު މީހެއް. މަސްތުވިޔަސް މަސްތުވާނީ އަމިއްލަޔަށް މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން. ވައްކަމެއް ނުކުރާނެ. މީހަކަށް އުުނދަގުލެއް ނުކުރާނެ. އޭނާ ކުރާ ކަމެއް ކުރާނީ އޭނާ އަމިއްލަޔަށް. ކުރިން ދިމާވި މައްސަލައެއްގަ މި ހުކުމް މިކުރީ." އޭނާ ބުންޏެވެ.
ސަމީނާ ބުނީ އަބްދުﷲ ގެ އުމުރުން މަހެއްހައި ދުވަސް ތެރޭ އޭނާގެ މަންމަ މަރުވި ކަމަށެވެ. އަދި އަބްދުﷲ އަށް ދޮޅު މަހުގައި ބައްޕަ މަރުވުމުން ހުރިހާ ކަމެއް ބަލަހައްޓަމުން އައީ އޭނާ ކަމަށެވެ. އެހެން ކަމުން މިއީ އަމިއްލަ ދަރިއެއް ވަކިވުން ފަދަ ކަމެއް ކަމަށެވެ.
"މަސްތުވިޔަސް ކޮންމެ ކަމެއް ކުރިޔަސް ވާނީ މަގޭ ދަރިޔަކަށް. ކަމެއްވީމަ ދެރަވެސް ވާނެ. އޭނަ ވަކިވެގެން އެ ދިޔައީ." އަބްދުﷲގެ ޖަނާޒާގެ ކަންކަން ނިންމާލުމަށްފަހު ރަށަށް ދިޔުމަށް ތައްޔާރުވަނީ ކަމަށްބުނެ ފޯނު ބާއްވަމުން ސަމީނާ ބުންޏެވެ.
އަބްދުﷲ މީގެ ކުރިން މީހަކާ އިން ކަމަށާއި އެކަމަކު މިހާރު ކައިވެނި ރޫޅިފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަބްދުﷲގެ އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާއިރު މި ކުދިންގެ ހުރިހާ ހަރަދެއްހެން އޭނާ ބަލަހައްޓަމުންދިޔަ ކަމަށްވެސް އެމީހާ ބުންޏެވެ.
އަބްދުﷲގެ ކުރީގެ އަނބިމީހާ އާ ހަވާލާދީ އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ އަބްދުﷲ މަހަށް ގޮސްގެންނާއި އަމިއްލައަށް އެކި ކަހަލަ މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން އާންމުކޮށް އޭނާ ބޭނުން ކުރަން ނަގާނީ 500 އެއްހައި ރުފިޔާ ކަމަށާއި ބާކީ 20،000 ރުފިޔާ އޮތަސް އެ ދޭނީ އޭނާގެ ދަރީންގެ މަންމަ އަތަށް ކަމަށެވެ. އެހެން ކަމުން އެއީ ދަރިންނަށް އޯގާތެރި ބައްޕައެއް ކަމަށެވެ.
އަބްދުﷲގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ އާއި މެސެޖު ކުރުމުންވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ އަބްދުﷲ މަރުވާން ދިމާވީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. މިއަދު ހެނދުނު އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އަބްދުﷲ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އާއިލާއިން ބުނީ އޭނާ ހާޓްއެޓޭކެއް ޖެހިފަ ރަނގަޅުވެފަ މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އަބްދުﷲ ކަރެކްޝަނާ ހަވާލު ނުވެ އޮތީ ޓްރާންސްޕޯޓު ހަމަނުޖެހިގެން ކަމަށް ފުލުހުންނާއި ކަރެކްޝަނުންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ތިނަދު އާއި ޖެހިގެން އޮންނަ ކާޑެއްދޫގައިވެސް އެއާޕޯޓެއް އޮވެ އެވެ. އަދި ދުވާލެއްގެ މައްޗަށް ތިނެއް ނޫނީ ހަތަރު ފުލައިޓު މާލެއަށް ދަތުރު ކުރެ އެވެ. އޭގެ އިތުރުންވެސް ގއ. އަތޮޅު ކޫއްޑޫގައި ވެސް އެއާޕޯޓެއް އޮވެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް