ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހު ވަނީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފައެވެ. ޔޫތު އެވޯޑް ހާސިކުރި ޒުވާނުންނަށް އެމަނިކުފާނު ވަނީ މި ޖަލްސާގައި އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.
ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އޭގެ އިތުރުން މި ދަތުރުފުޅުގައި، އެ މަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ގައުމީ ޓީމާ، ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބައްލަވައިލައްވައިފައެވެ.
ރައީސް އޮފީހުން ބުނީ ރޭގެ ޖަލްސާއަށްފަހު ރައީސް ސޯލިހު ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ޒުވާނުންގެ މިއުޒިކް ޝޯވް ވެސް ބައްލަވައިލައްވާފައި ކަމަށެވެ. އޭގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.