ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1.2 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ގައުމީ ޒުވާނުންގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބަޖެޓުން ހަރަދުކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަވާނެ ކަމަށެވެ.
"ބަޖެޓްގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދު ކޮށްގެން 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާ އެކު އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އެބަ ހިންގަން،" ރައީސް ވިދާޅުވިއެވެ.
އޭގެ ތެރެއިން 400 ހައުސިން ޔުނިޓް ހާއްސަ ކުރަނީ ކުޅުދުއްފުށި ސިޓީއަށް ކަމަށެވެ. އަދި ބޭރުގެ ފަރާތަކާ މަޝްވަރާކޮށްގެން އިތުރު 1،000 ހައުސިން ޔުނިޓް އެ ސިޓީގައި އެޅުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި އަންނަ އަހަރު ބަޖެޓުން އެކަނި ސީދާ މިރަށަށް (ކުޅުދުއްފުށި ސިޓީ) އަށް، 400 ހައުސިން ޔުނިޓް މިހާރު ވާނީ ރިޒާވް ކޮށްފައި. އަދި އޭގެ އިތުރުން ބޭރުގެ ފަރާތަކުން މަޝްވަރާކުރެވި، މިރަށުގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ އަގުގެ މަޝްވަރާކުރެވި ނިމުމަކާ ހިސާބަށް ވަނީ އައިސްފައި،" ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ބޮޑު ބައެއް ހާއްސަކުރާނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބަޖެޓުގައި ހިމަނައިގެން 1.2 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ނިންމަވާފައިވާއިރު، އުމްރާނީ ތަރައްގީ އާއި ގެދޮރުވެރިކަމުގެ 251 މަޝްރޫއެއްގައި ސޮއިކޮށް އޭގެ ތެރެއިން 151 މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިފަހުން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު