އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި އިންގްލެންޑްގެ ތަރި މޭސަން މައުންޓު ހެދި ހެޓްރިކާއެކު ޗެލްސީން ނޯވިޗް ކޮޅަށް ހަތް ގޯލު ޖަހައިފިއެވެ.

ޗެލްސީންގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނޯވިޗް ކައިރިން މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި މައުންޓް ހެޓްރިކް ހަދާފައިވާއިރު، އެ ތިން ގޯލަކީ މި ސީޒަންގައި މައުންޓް ޖެހި ފުރަތަމަ ތިން ގޯލުވެސް މެއެވެ. މައުންޓުގެ އިތުރުން ޗެލްސީގެ ގޯލުތައް ޖަހައިދިނީ ކަލުމް ހަޑްސަން އޮޑޯއީ އާއި ރީސް ޖޭމްސްގެ އިތުރުން ބެން ޗިލްވެލްއެވެ. އޭގެ އިތުރުން ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

މި ސީޒަންގައި ޕްރިމިއާ ލީގަށް ޕްރޮމޯޓުވެ، ނޯވިޗް ފެންނަމުން ދަނީ ދަށް ފޯމެއްގައެވެ. މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުންވެސް ނޯވިޗަށް މޮޅެއް ނުހޯދި އޮތްއިރު، އެޓީމު އޮތީ ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. އަނެއްކޮޅުން މިރޭގެ މެޗުން މޮޅުވި ޗެލްސީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ނުވަ މެޗުން ހޯދި 22 ޕޮއިންޓާއެކު ޗެލްސީ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ އަށް މެޗުން 18 ޕޮއިންޓެވެ. މި ހަފުތާގައި ލިވަޕޫލް ކުޅޭ މެޗުގައި މާދަމާ ރޭ ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ޗެލްސީން ވަނީ ތިން ގޯލު ޖަހައިފިއެވެ. ޗެލްސީގެ ފުރަތަމަ ގޯލު މައުންޓު ގޯލު އޭރިއާ ބޭރުން ކާމިޔާބުކުރިއިރު، ދެވަނަ ގޯލު ޖެހީ ހަޑަސަން އޮޑޯއީއެވެ. މެޗުގެ ތިންވަނަ ގޯލު ރީސް ޖޭމްސް ޖެހީ މައުންޓުގެ ޕާހަކުންނެވެ. ދެވަނަ ހާފަށް ނުކުމެ ޗިލްވެލްގެ ގޯލާއެކު ޗެލްސީން ނަތީޖާ 4-0 އަކަށް ބަދަލު ކޮށްލާފައިވާއިރު، މިއަދުގެ މެޗަކީ ޗިލްވެލް ޖެހިޖެހިގެން ގޯލު ޖެހި ހަތަރުވަނަ މެޗެވެ.

މެޗުގެ ފަހު ހާފުގައި ނޯވިޗްގެ ބެން ގިބްސަންއަށް ރަތް ކާޑު ދައްކާފައިވާއިރު، އެ ރަތް ކާޑަށްފަހު މައުންޓުގެ ދެ ގޯލު ފެނިގެން ދިޔައެވެ. މައުންޓުގެ ދެވަނަ ގޯލަކީ ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ޖެހި ގޯލެކެވެ.

މިއަދުގެ މެޗަށް ޗެލްސީ ނުކުތީ އަނިޔާގައި ތިބި އެ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓީމޯ ވާނާވެސް ނުލައެވެ. އޭގެ އިތުރުން މެޗުގައި ޗެލްސީ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި އަންދްރޭސް ކްރިސްޓިއަންސަންވެސް ކުޅެފައެއް ނުވެއެވެ. އެ ދެކުޅުންތެރިންވެސް ފެނުނީ ބެންޗުންނެވެ. އަނިޔާގެ ސަބަބުން އެންގޯލޯ ކަންޓޭވެސް މެޗުގައި ކޯޗު ތޯމަސް ޓުޗެލް ބޭނުން ކޮށްފައެއް ނުވެއެވެ.