މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަންވާނީ ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަަންގެ ލަފާގެ މަތިން ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުން ތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ފޮރިން ސާވިސްގެ ބިލަކީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ވަކި ހިދުމަތެއްގެ ގޮތުގައި، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ސަރުކާރުން ހުށަހެޅި ބިލެކެވެ. މި ބިލު ކޮމިޓީން ދިރާސާކޮށް ބައެއް ބަދަލުތައް ގެނައުމަށްފަހު ކޮމިޓީން ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. މި ބިލުގައި ސަރުކާރުން ހިމަނާފައިވާ ބައެއް ކަންތައްތަކަށް ކޮމިޓީން ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ކަނޑައަޅައި ބިލަށް ކޮމިޓީން ވަނީ މާއްދާއެއް އިތުރު ކޮށްފައެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މުވައްޒަފުންނަށް މާލީ އިނާޔަތް ދޭން ވާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ފޮރިން މިނިސްޓަރު ކަނޑަ އަޅައި ރައީސް އޮފީހަށް ހުށަހަޅައި ފާސް ކޮށްގެން ކަމަށް ބިލުގައި ހިމެނޭ މާއްދާ އަށް ބަދަލު ގެނެސް އެ އިނާޔަތްތައް ދޭން ވާނީ، ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.
ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 15 އަަހަރު މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް ހިމަނާފައިވާ މާއްދާ އަށް ވެސް ބަދަލު ގެނެސް އެ މުއްދަތު 10 އަހަރު ދުވަހަށް ކުޑަ ކުރުމަށް ކޮމިޓީން ވަނީ ހިމަނައިފައެވެ.
ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށް، ބަންދު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮތް މާއްދާ ބަދަލުކޮށް އެކަންކަން ކުރުމުގެ ނިންމުންތައް ނިންމާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ފޮރިންސާވިސް އަށް މުވައްޒަފުން އިތުރުކޮށް އުނިކުރަންވާނީ، ރައީސް އޮފީހަށް ހުށަހަޅައި ފާސްކުރުމަށްފަހުގައި ކަމަށް ބިލުގައި ހުށަހަޅާފައިވާއިރު އެކަން ކުރެވޭނި ރައީސް އޮފީހުން ހުއްދަ ލިބުމަށްފަހުގައި ކަމަށް ކޮމިޓީން ވަނީ ބަދަލުކޮށްފަ އެވެ.
ފޮރިމް ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސް އިން ބޭރުގެ މުވައްޒަފުން، މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަން ވާނެ ކަމަށާއި، އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާ ބަދަލުކޮށް، އެފަދަ މައުލޫމާތެއް ހާމަކުރުމަކީ ކުށެއް ކަމަށް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ވަޒީފާތަކުގެ ގިންތި ތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން މިނިސްޓްރީން އެކުލަވާލައި ރައީސް އޮފީހަަށް ހުށަހަޅާން ވާނެ ކަމަށް އޮތް މާއްދާއަށް ބަދަލުގެނެސް އެފަދަ ކަމެއް ކުރެވޭނީ ރައީސް އޮފީހުން ހުއްދަ ދިނުމަށްފަހުގައި ކަމަށް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.
ބިލުގައި ބުނާ ގޮތުން މި ބިލު ގާނޫނަކަށް ވެ އަމަލު ކުރަން ފެށުމާއެކު "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް''ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމު ކުރެވުނީއެވެ.
ބިލުގައިވާ ގޮތުން ފޮރިން ސާވިސް އެކުލެވިގެން ވަނީ މިނިސްޓަރާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ މުހިންމު އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތިން، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނާ ގޮތުން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި، ފޮރިސް ސެކްރެޓަރީއެއް ހުންނަންވާނެއެވެ. ފޮރިސް ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
އެ ފަރާތްތައް މަގާމުތަކަށް އިސްކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ލިބިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށާއި އަދި ފޮރިން ސާވިސް ދާއިިރާގައި މަސައްކަތް ކުރާ ސިިވިލް ސާވިސްގެ މުވައްޒަފުން އެ ގާނޫނުގެ ދަށުން އެކުލަވާލައި މުވައްޒަފުންގެ ގަވާއިދުގައި ބަޔާން ކުރާ ގޮތުގެ މަތިން ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސަން ވާނެ ކަމަށެވެ.
އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންގެ ބަދަލުގައި ފޮރިސް ސާވިސް ދާއިރާގައި މުޅިންވެސް މަސައްކަތް ކުރަމުން ގެންދާނީ ފޮރިން ސާވިސްގެ މުވައްޒަފުންނެވެ. އަދި މުވައްޒަފުންގެ ކަންތައްތަކާއި ކަމާބެހޭ އެހެނިހެން ކަންކަން ހަމަޖެއްސުމުގައި ހަރަކާތްތެރިވާނެ، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް އުފައްދަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނުގައި ބަޔާން ކުރާ މަގުސަދުތައް ހާސިލު ކުރެވޭ ފަދަ ގާބިލު ބަޔަކަށް މުވައްޒަފުން ހެދުމަށް ޓަކައި، މި ގާނޫނުގެ ދަށުން ފޮރިން ސާވިސްގެ މަގާމުތަކަށް އައްޔަން ކުރާ އެންމެހައި މުވައްޒަފުންނަށް ތަމްރީނާއި ހުނަރާއި ތަޖުރިބާ ދިނުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ފޮރިން ސާވިސް އިނިސްޓިޓިއުޓެއް އުފައްދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ