މުޅި ރާއްޖެ ހަތް ޒޯނަކަށް ބަހާލައި، ހުރިހާ ރަށަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ "ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް" އެއް ބާއްވަން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ތާވަލުކޮށްފިއެވެ.
މީގެ ކުރިން އަތޮޅު ތެރޭގައި އަތޮޅު މުބާރާތްތަކުގެ ގޮތުގައި ވޮލީބޯޅަ މުބާރާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ވިސްނުން ބަދަލުކޮށް، ރާއްޖޭގެ ޗެމްޕިއަނުން ހޮވޭނެ ފަދަ ގޮތަކަށް ރާވައި ހިންގާނެ އާ މުބާރާތެއް ބޭއްވުމަށް ވީއޭއެމްއިން އަމާޒު ހިފާފައިވާކަން އެ އިދާރާގެ ފަރާތުން ހާމަކުރެއްވީ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)އެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި މިދިޔަ ހަފުތާގައި ވާހަކަދައްކަވަމުން ރަނޭ ފާހަގަކުރެއްވީ އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނެ މުބާރާތަކީ "ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް" ކަމަށާއި، އެ މުބާރާތަކީ އަތޮޅު ތެރެއިން ހުނަރުވެރި ކުދިން އުފައްދަން ކުރެވޭނެ މުހިއްމު މަސައްކަތެއް ކަމަށެވެ.
"މި އަންނަ އަހަރުގެ ކަލަންޑަރު އަޅުގަނޑުމެން ހަދަމުން މިދަނީ. ރިސޯޓު މުބާރާތާވެސް އެކު އެންމެ ބޮޑު ފޯކަސްއެއް މިއޮތީ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝަޕަށް. އެއީ ބީޗު ވޮލީބޯޅަ ވިޔަސް، އިންޑޯ ވޮލީބޯޅަ ވިޔަސް އެބަޖެހޭ ޓެލެންޓު ހޯދަން. އޭގެ ތެރެއިން ރާއްޖެ ވޮލީބޯޅަ، ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން އަންނަ އަހަރު ބޭއްވިގެން ދާނެ. އެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. ކައުންސިލްތަކާވެސް ވާހަކަ ދެކެވިގެން މިހާރު މިދަނީ. ކޮންމެ ރީޖަންއަކުންވެސް ހޯސްޓު ކުރާނެ ރަށްތައް މިހާރު ބަލަމުން މިދަނީ،" ރަނޭ ވިދާޅުވިއެވެ.
ރަނޭ ވިދާޅުވީ އަތޮޅުތެރޭގެ މުބާރާތުން މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވޭނެ ފަދަ ގޮތަކަށް މުބާރާތް ރޭވޭނެ ކަމަށާއި، އޭގެ އިތުރުންވެސް ކްލަބުތަކަށް ބާއްވާ މުބާރާތްތައްވެސް އޮނިގަނޑު ތަފާތު ވެގެންދާނެ ކަމަށެވެ.
"މައިގަނޑު މިހާރު އޮންނާނީ މުޅި ރާއްޖޭގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް، އޭގެ ތެރެއިން މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމުތައް ނަގާ ވާހަކަ މިދައްކަނީ. އެއާއެކު ކްލަބުތަކަށްވެސް ގައުމީ ފެންވަރުގައި ވާދަކުރަން އެބަ ފުރުސަތު ދޭން ޖެހޭ. އެހެންވީމަ މުބާރާތްތަކުގެ ތެރެއިން އެ ފުރުސަތުވެސް އޮންނާނެ. އެހެންވީމަ އަންނަ އަހަރު ހުރިހާ މުބާރާތެއްވެސް އޮންނާނީ އާ މުބާރާތެއްގެ ގޮތުގައި، ކުރިން ކުރާ ގޮތާ ތަފާތުކޮށް މުބާރާތްތައް އޮންނާނީ. ކަލަންޑަރު ނެރޭއިރުގައިވެސް މުޅި ސްޓްރަކްޗާ އޮންނާނީ ބަދަލުވެފައި،" ރަނޭ ވިދާޅުވިއެވެ.
އޭގެ އިތުރުން ރަނޭ ވިދާޅުވީ ގައުމީ ވޮލީބޯޅަ މުބާރާތާއި، އެސޯސިއޭޝަން ކަޕުގެ އިތުރުން ރިސޯޓު ވޮލީ މުބާރާތްވެސް އަންނަ އަހަރު ބޭއްވިގެން ދާނެ ކަމަށެވެ. އަތޮޅުތެރޭގެ މުބާރާތަށް ޓީމުތައް ފައްކާކުރުމަށް މިހާރުވެސް ވޮލީބޯޅައިގެ ކޭމްޕުތަކެއް އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދާ ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ. އެގޮތުން ސްރީ ލަންކާގެ ކޯޗެއް ގެނެސް، ކ. ތުލުސްދޫގައި ވޮލީބޯޅަ ކޭމްޕެއް މިހާރު ފެށިގެން ކުރިއަށް ގެންގޮސް ނޮވެންބަރު 11 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށާއި، އެ ކޭމްޕު ނިމުމާއެކު އަނެއްކާވެސް 12 ވަނަ ދުވަހު އެހެން ރަށެއްގައި ކޭމްޕު ފެށޭނެ ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ.
ރަނޭ ވިދާޅުވީ އެ ކޭމްޕުތަކަށް އިތުރު ކޯޗުން ގެންނަން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު ކޯޗުން ގެނެސް ރިސޯޓުތަކުގެ ކޭމްޕުތައްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ރަނޭ ވިދާޅުވީ އަންނަ އަހަރު އަންނަ އަހަރު ވެގެންދާނީ އެކްޓިވިޓީތައް ގިނަ އަހަރެއްގެ ގޮތުގައި ކަމަށާއި ޕްލޭނިން މަރުހަލާ ނިމި، މިހާރު މަސައްކަތް ކުރަމުންދަނީ އެފްއައިވީބީއާއެކު އެކަންކަމަށް އަމަލީ ސިފަ ގެނައުމަށް ކަމަށެވެ.
މިއަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތްވެސް ޑިސެންބަރު މަހަށް ވީއޭއެމްއިން ތާވަލު ކޮށްފައިވާ އިރު، ރަނޭ ވިދާޅުވީ މުބާރާތްތައް ކުރިއަށްދާނީ އެފްއައިވީބީގެ އާ ކޯޗު ރާއްޖެވެސް އައުމުން ކަމަށެވެ. ގައުމީ އިންޑޯ ވޮލީބޯޅައިގެ ސީނިއާ ސްކޮޑު އެކުލަވާލަން އެ ކޯޗު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި އެ ކޯޗަކީ ބީޗު ވޮލީބޯޅައަށް ހާއްސަކޮށް ރާއްޖެ އަންނަ ކޯޗެއް ނަމަވެސް، އެ ކޯޗު ވެގެންދާނީ ރާއްޖޭގެ ވޮލީގެ ޓެކްނިކަލް ހުރިހާ ކަމެއް ބަލަހައްޓާނެ ޓެކްނިކަލް ކޯޗަށް ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ.
ވީއޭއެމްގެ އާ ރައީސް ރަނޭއަކީ ކުރިން ގައުމީ ފެންވަރުގައި ވޮލީ ކުޅެ، އެސޯސިއޭޝަންގައިވެސް އެކިއެކި މަސައްކަތްތައް ޕޮލިސީ ލެވެލްގައިވެސް ކޮށްފައިވާ ބޭފުޅެކެވެ. ވޮލީއަށް ގިނަ ބަދަލުތަކެއް ގެނެސް، ދުނިޔޭގެ ވޮލީބޯޅަ ފެޑަރޭޝަނާއި ވަރަށް ބޮޑަށް ގުޅިގެން ރަނޭ މަސައްކަތް ކުރައްވަމުން އަންނަނީ ބަދަލުތަކަކަށް ކަން އޭނާ ތަކުރާރުކޮށް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.