ގައުމީ ފުޓުބޯޅަ ޓީމުގެ ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު)ގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ހަމްޕުގެ ކަކުލުގެ މަސްތަކަށް އަނިޔާ ލިބިފައި ވަނީ ސާފް ޗެމްޕިއަންޝިޕްގައި މިމަހު 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ކަކުލުގެ އަނިޔާ އިތުރަށް ބެލުމަށް ހަމްޕު ހެދި ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ލިގަމެންޓަށް ގެއްލުމެއްވެފައި ނުވާއިރު، އަނިޔާވެފައި ވަނީ ކަކުލުގެ ކައިރީގައިވާ މަސްގަނޑަށެވެ.
ގައުމީ ޓީމުން އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީގައި ހާއްސަ މެޗެއް ކުޅުމަށް ތައްޔާރުވާއިރު، އެ މެޗުގައި ހަމްޕު ނުފެންނާނެއެވެ. އެ މެޗުގައި ހަމްޕު ނުފެނުނު ނަމަވެސް އަންނަ މަހު 8-17 އަށް ސްރީލަންކާގައި އޮންނަ މަހިންދުރަ ރާޖަޕަކްސަ މުބާރާތުގައި ހަމްޕު ކުޅޭނެ ކަމަށް ބެލެވެއެވެ.
ހަމްޕުއަކީ މިވަގުތު ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ސާފް ޗެމްޕިއަންޝިޕްގައިވެސް ހަމްޕު ވަނީ ވިދާލައިފައެވެ. ގައުމީ ޓީމާއެކު 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ހަމްޕުގެ އުމުރަކީ މިހާރު 26 އެވެ. ބ. އޭދަފުއްޓަށް އުފަން ހަމްޕު އަކީ ޒުވާން އުމުރުން ފެށިގެން ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު