ޚަބަރު

މިނިމަމް ވޭޖާއެކު 28،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ: ރައީސް

އަލީ ޔާމިން

އެންމެ ކުޑަ މުސާރައާއެކު ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޓޫރިޒަމް ދާއިރާ ހިމެނޭގޮތަށް 28،000 އަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާނެ ކަމަށެވެ. އަދި މިނިމަމް ވޭޖު ކަނޑައެޅުމުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ 15000 ވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ. އަދި ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ 13،000 ވަރަކަށް މީހުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ކުޑަ އުޖޫރައާ އެކު ބައެއް މުވައްޒަފުންގެ މުސާރަ ދެގުނަ ވެގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރު ލަފާކުރާ 37 ބިލިއަން ރުފިޔާގެ ބަޖެޓުގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނަނީ މިނިމަން ވޭޖު ތަންފީޒުކުރުމަށް ކަމަށެވެ.

މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ލަފާ އެރުވީ މި މަހުގެ ފަހެއްގައެވެ. އެގޮތުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5،000 ރުފިޔާ އާއި 8،900 ރުފިޔާއާ ދެމެދުގެ އަދަދުތަކެކެވެ.