ޚަބަރު

ޖައިލަމްގެ މަރު: ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނަގައިފި

މުހައްމަދު އިޝާން

ދެހާސް ފަނަރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑް ފްލާވާސްގޭ، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.

ކުރިމިނަލް ކޯޓުގައި އެ މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ނަގާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި އިބްރާހީމް ރަމީޒުގެ އިތުރުން މުހައްމަދު އަރީފުގެ ހެކިބަހެވެ.

ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި އިބްރާހީމް ރަމީޒު ހުށަހަޅާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެ ހައިސިއްޔަތުން ޖައިލަމަށް ލިބިފައިވާ އަނިޔާތައް ކިޔައިދިނުމާއި، އެ ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އިބްރާހީމް ރަމީޒު ހެކިބަސް ދެމުން ބުނީ، ފުލުހުންގެ ކޮމާންޑު ސެންޓަރުން އޭނާއަށް އެންގީ ހޮސްޕިޓަލަށް ދިއުމަށް ކަމަށާއި ހޮސްޕިޓަލަށް ދިޔައިރު ޖައިލަމް މަރުވެފައިވާކަން ޑޮކްޓަރުން އެންގި ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލު ހިއްސާކޮށްފައިވަނީ ރިޕޯޓުގައި ކަމަށާއި 2015 ވަނަ އަހަރު ހިނގި ހާދިސާއަކަށްވުމުން ބައެއް ކަންކަން ހަނދާނުގައި ނެތް ކަމަށް ވެސް ބުންޏެވެ.

ދައުލަތުން ދެން ހާޒިރުކޮށްފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އަރީފެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ ޖައިލަމްގެ މަރުގެ ދައުވާ ލިބޭ މީހެއްގެ ގެއިން ފެނުނު މެޑިކަލް ލިޔުމުގައި ބަޔާންކޮށްފައިވާ އަނިޔާއަކީ ޖައިލަމްގެ މަރާލި މައްސަލައިގެ ތެރެއިން ލިބުނު އަނިޔާއެއްކަން ކަށަވަރު ކުރުމަށެވެ. މުހައްމަދު އަރީފު ހެކިބަސް ދޭން ތައްޔާރުވެފައި ވަނިކޮށް މާފުށީ ޖަލުގެ ނެޓްވޯކުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ގެންދެވޭނެ ގޮތެއް ނުވުމުން ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ލާންސް ކޯޕްރަލް މުހައްމަދު އާރިފަކީ ހުމައިދުގެ ގެއިން ފެނިފައިވާ މެޑިކަލް ލިޔުމަކާ ގުޅިގެން ހެކިބަސް ދިނުމަށް ހާޒިރުކުރި ފަރާތެކެވެ.

ޖައިލަމް މަރާލި މައްސަލައިގައި ދައުލަތުގެ ފަރާތުން ފަސް ހެކިވެރިޔަކު ވަނީ ހުށަހަޅައިފައެވެ. އެއީ ތިން ޕޮލިސް އޮފިސަރުންނާއި ޖައިލަމްގެ ހަށިގަނޑު ބެލި ދެ ޑޮކްޓަރުންނެވެ.

ޖައިލަމް ގެންދިޔަ އޭޑިކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޭރު މީޑިއާތަކަށް ވިދާޅުވެފައި ވަނީ ޖައިލަމްގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރިކޮށްލާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ބޮލަށް ލޭ ފޮނުވައިދިނުން ހުއްޓުނު ކަމަށެވެ. ކަރަށް ހަމަލާއެއް އަމާޒުވިއިރު ޖައިލަމްގެ ފުރަގަހަށާއި ބަނޑަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރަގަހަށް ދިން ހަމަލާގައި ފުއްޕާމޭ އެއްކޮށް ހަލާކު ވެފައިވާ ކަމަށާއި ޖައިލަމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އަފްއާލް ވިދާޅުވެފައިވެއެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ދައުވާ ލިބޭ ހުމައިދު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. ހުމެއިދު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުގެ ބޭނުމުގައި ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގޮސްފައެވެ.