ޚަބަރު

ޕީޖީ ދެކޭ ގޮތުގައި އައްމަޓީ ދޫކޮށްލި މައްސަލައިގެ ޖާމިނުވުން ގާނޫނާ ހިލާފު، ހައިކޯޓުގައި މިއަދު އިސްތިއުނާފުކުރަނީ

މުހައްމަދު އިޝާން

ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާ ފުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

އައްމަޓީ ކަފާލާތުގެ ދަށުން ދޫކުރީ އޭނާގެ ކޮއްކޮ އާއި ދައްތަ ޖާމިނު ކުރުމަށްފަހު އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ. އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައި ވަނީ، ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޖިނާއީ އިޖުރާތާއި ޝަރީއަތް ކުރުމުގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ކަފާލާތުގެ ހައްގަށް އެދޭއިރު ރަނގަޅު ގާނޫނީ ބިނާއެއް ދައްކަން ޖެހޭ ކަމަށާއި އައްމަޓީގެ ފަރާތުން ރަނގަޅު ގާނޫނީ ބިނާއެއް ދެއްކިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ޝަރީއަތް ކުރުމާބެހޭ ގަވާއިދަށް ބަލާއިރު ވެސް ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާއިރު ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަން ޖެހޭކަން ގާނޫނީ ނައްސުތަކުން އެނގެން އޮންނަކަން ދައުލަތުން ފާހަގަކުރެއްވި އެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި އެވެ. އެހެންކަމުން އެއީ ޖިނާއީ ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވައި ދައުލަތުން ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށާއި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

ދައުލަތުގެ ވާހަކަ ނިމުމުން އައްމަޓީގެ ފަރާތުން ޖާމިނު ވުމަށް ހުށައަޅާފައިވަ އަފީފާ މޫސާ އާއި މަރިޔަމް ނައީމާ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަފީފާ މޫސާ އަކީ، އައްމަޓީގެ އެއްބަޑު އެއްބަފާ ކޮއްކޮ އެވެ. މަރިޔަމް ނައީމާ އަކީ އައްމަޓީގެ އެއްބަޑު އެއްބަފާ ދައްތަ އެވެ.

މަރިޔަމް ނައީމާ ކޯޓުގައި ބުނީ، އައްމަޓީ މީގެ ކުރިން ތަހުގީގަށް ފިލައިގެން އުޅުނުކަން ނޭނގޭ ކަމަށެވެ. އެގޮތަށް އޭނާ ބުނުމުން ދައުލަތުން ވަނީ ނައީމާއާ ސުވާލުކޮށްފަ އެވެ. އެގޮތުން އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާ މެދު ޖާމިނު ވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދައުލަތުގެ އެ ސުވާލާ ގުޅިގެން ވިދާޅުވެފައި ވަނީ، ޖާމިނު ވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.

އައްމަޓީ ކަފާލާތުގެ ދަށުން މިނިވަންކުރި މައްސަލަ އިސްތިއުނާފުކުރާނެތޯ "ވަން" އިން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުއާ ސުވާލުކުރުމުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. ޝަމީމު ވިދާޅުވީ، އައްމަޓީ ކަފާލާތުގެ ދަށުން މިނިވަންކުރަން ނިންމީ ނިންމުމުގެ މުޅި މަފްހޫމް ގޯސް ކަމަށެވެ. ޝަމީމު ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނާ ހިލާފު ޖަމީނު ވުމެކެވެ.

ޝަމީމު އިތުރަށް ވިދާޅުވީ، އިއްޔެގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކުރާއިރު ޖާމިނު ކުރާނެ ގޮތުގެ މަފްހޫމް، ދައުލަތުން ކިޔައިދެވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އެހެންކަމުން ހައި ކޯޓުގައި އެކަންކަން ފާހަގަކުރައްވާނެ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލި ގާޒީ ހަސަން ސައީދަކީ ކަފާލާތުގެ ދަށުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ވެސް ދެއްވި ގާޒީ އެވެ. އަލީ ވަހީދަށް ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދިނީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށް ފަހު އެވެ. މި ވެސް ގާނޫނާ ހިލާފު ޖާމިނުވުމެއް ކަމަށް ޕީޖީއިން ދެކެ އެވެ.