2023 ވަނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބަކީ ކާމިޔާބު އިންތިހާބަކަށް ވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސަރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވީ، އިންތިހާބުތަކާ މެދު ޝައްކު އުފައްދާ ބަޔަކުވެސް އުޅޭ ކަމަށާއި ނަމަވެސް އިންތިހާބު ނިމުމުން އިންތިހާބުގެ ކަންކަން ދިޔައީ ގޯހުން ގޯހަށޭ ބުނާނެ މީހަކު މިހާރު ނޫޅޭނެ ކަމަށާއި އެއީ އިލެކްޝަން ކޮމިޝަނަށް އޮންނަ އިތުބާރު ބޮޑުވުމުގެ ހެއްކެއް ކަމަށެވެ.

ފުއާދު ވިދާޅުވީ، 2013ގެ އިންތިހާބަށް ވުރެ 2018ގެ އިންތިހާބުގެ ކަންކަން ދިޔައީ ރައްޔިތުން އެދޭ ގޮތަށް އޮމާން ކޮށް ކަމަށެވެ. އަދި 2023 ގެ އިންތިހާބުގެ ކަންކަންވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދުރާލައި ރާވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުންމީދާ އެކީގައި މިހުރީ. 2023ގައި ކާމިޔާބު ރިޔާސީ އިންތިހާބެއް ބޭއްވޭނެ ކަމަށް" ފުއާދު ވިދާޅުވި އެވެ.

ފުއާދު އިތުރަށް ވިދާޅުވީ، އިންތިހާބުތަކުގެ ސައްހަކަމާ ދޭތެރޭގައި ކޯޓުތަކުން ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.