ގައުމީ ފުޓުބޯޅަ ޓީމުގެ އާ ކޯޗަކަށް ފްރެންސެސްކޯ މޮރިއޭރޯ ހަމަޖައްސައިފިއެވެ.

މޮރިއޭރޯ ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. އިޓަލީގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެ، ގައުމީ ޓީމަށްވެސް ކުރިން ކުޅުނު މޮރިއޭރޯ ރާއްޖޭގެ ކޯޗުކަމާ ހަވާލުވިކަން އިޓަލީގެ އެންމެ މަގުބޫލު ނޫސް "ލަ ގެޒެޓް ޑެލޯ ސްޕޯޓްސް" އިންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އުމުރުން 52 އަހަރުގެ އިޓަލީ ކޯޗު މޮރިއޭރޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގައި ވިދާލައިފައެވެ. ކަގިލިއަރީ އާއި ރޯމާގެ އިތުރުން ނަޕޯލީ އާއި އިންޓަ މިލާނަށްވެސް މޮރިއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ އިންޓަ މިލާނާއެކު 1997-98 ގެ ޔޫއެފާ ކަޕް، ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. މޮރިއޭރޯއާއެކު އިންޓައަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ އާއި އާޖެންޓީނާގެ ހާވިއާ ޒެނެޓީވެސް ހިމެނެއެވެ. ވިންގަށް ކުޅުނު މޮރިއޭރޯ އިޓަލީ ގައުމީ ޓީމަށް ކުޅެފައި ވަނީ އަށް މެޗެކެވެ. ގައުމީ ޓީމުގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމެވެ. އެފަހަރު ވޯލްޑް ކަޕުން އިޓަލީ ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެންނެވެ.

ކޯޗިންގައި މޮރިއޭރޯއަކީ އޭޝިއާގެ ފުޓުބޯޅައަށް އާ މޫނެކެކެވެ. 2006 ވަނަ އަހަރުން ފެށިގެން ކޯޗުކަމަށް ވަދެ، އޭނާ ވަނީ އެފްރިކާގެ ބައެއް ކްލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި އައިވޮރީ ކޯސްޓުގެ އެފްރިކާ ސްޕޯޓްސް ހިމެނެއެވެ. އޭގެ ފަހުން އިޓަލީގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް މޮރިއޭރޯ ކޯޗުކަން ކޮށްދީފައިވާއިރު، އޭނާ ވަނީ ސެރެއާ ބީގެ ކްލަބުތައް ކަމަށްވާ ފްރޮންސިނޯން އާއި ގްރޮސެޓޯ އަދި ލެސޭއަށްވެސް ކޯޗުކަން ކޮށްދީފައެވެ. މިރިއޭރޯ އެންމެފަހުން 2020 ވަނަ އަހަރު ޑިސެމްބަރު މަހު ކޯޗުކަން ކޮށްދިނީ އަލްބޭނިއާގެ ކްލަބު ޑައިނަމޯ ޓިރާނާއަށެވެ.

ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން ކުޅުނު މުބާރާތަށް ނުކުތީ ދިވެހި ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުގައެވެ. ސުޒޭން ޓީމާ ހަވާލުވީ ކެއާ ޓޭކާ ކޯޗެއްގެ ގޮތުގައެވެ. އޭގެ ކުރިން ކޯޗަކަށް ހުރީ ނެދަލޭންޑްސްގެ މާޓިން ކޫޕްމަންއެވެ. ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމުން ނިންމީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފަހު ގައުމީ ޓީމުގެ ކޯޗާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިގެން ދެ ފަރާތް އެއްބަސްވެގެންނެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވީ މިދިޔަ އަހަރު ޖެނުއަރީ މަހުއެވެ. ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނީސް މިއަހަރުގެ ކުރީކޮޅުގައި ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. އެކަމަކު، މިދިޔަ ޖޫން މަހު ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކަށް ފަހު އެފްއޭއެމާ އެކު ކޫޕްމަން ބޭއްވި ބައްދަލުމުވުމުގައި ދެ ފަރާތުގެ މެދުގައި ދެބަސްވުންތަކެއް ހުރުމުން ނިންމީ ކޮންޓްރެކްޓް އުވާލުމަށެވެ.

ގައުމީ ކޯޗަކަަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓާ ސެގާޓް ވަކިކޮށްފައެވެ. ސެގާޓް ވަކިކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހުއެވެ.

ކޫޕްމަން އަކީ މިދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސް ވަނަ ކޯޗެވެ. ކޫޕްމަން އާއި ސެގާޓްގެ އިތުރުން ދެން ގައުމީ ޓީމަށް އެ މުއްދަތުގެ ތެރޭގައި އިރުޝާދު ދިނީ ވެލީޒާ ޕޮޕޯފް، ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓްއެވެ.