ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެމަނިކުފާނު ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަން ނިންމަވާފައި ވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ.
މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް ސޯލިހު ވަކި ވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، އެރަށުގައި ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ސޯލިހުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.