ޚަބަރު

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" އިން ފްލެޓް ގަތުމަށް ހުޅުވާލައިފި

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" އިން ފްލެޓް ގަތުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ސީލައިފުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާ އެކު ހެދިފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން ސީލައިފަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި، އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، "ވިޔަރެސް" ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ވިނަރެސް އިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 15:30 ކުރިން https://bit.ly/221iBbu ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، ވިނަރެސްގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެން ފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އެދިފައެވެ.

ސީލައިފްއާ 2014 ވަނަ އަހަރު ހަވާލުކުރެވުނު ހައުސިން މަޝްރޫއުގެ ހައުސިން ޔުނިޓުތައް ހެދުމަށް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓަލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއް ވެސް ނުވެއެވެ.

ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރި އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށް ވުރެ ގިނަ ފަރާތްތަކަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ. މަޝްރޫއު ހުއްޓުމުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ވަނީ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ނިންމާލާފައިވަނީ އެޗްޑީސީން އެ ފަރާތްތަކަށް ބަދަލު ދޭގޮތަށެވެ. އެޗްޑީސީން ވަނީ ލިޔެކިޔުންތައް ހުށަހެޅި ހުރިހާ ފަރާތްތަކަށް ބަދަލުދީފައެވެ.

ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއު ސީލައިފްއާ ހަވާލުކުރުމާ ގުޅިގެން އޭރު ގިނަ ބަޔަކު އެ ފްލެޓް ގަތުމަށް ސީލައިފަށް ވަނީ ފައިސާ ދައްކައިފައެވެ. އެޗްޑީސީ އާއެކު ސީލައިފުން ވި އެއްބަސްވުމުގައި މަސައްކަތުގެ %20 ނުނިމެނީސް އެޑްވާންސް ފައިސާ ނުނެގޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ނަމަވެސް ސީލައިފުން އެއްވެސް މަސައްކަތެއް ނުކޮށް 200 މީހުންނަށް ވުރެ ގިނަ މީހުން އަތުން ބުކިން ފީ އަދި ބައެއް މީހުންގެ އަތުން ޑައުން ޕޭމަންޓް ފީ ނަގާފައިވެއެވެ.