ޚަބަރު

ތިން އޮފިސަރަކު ވަޒީފާއިން ވަކިކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި

މުހައްމަދު އިޝާން

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކި ކުރުން މަޑުޖައްސާލުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

އެ އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު އަދި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ. މި ތިން އޮފިސަރުން މަގާމުން ވަކި ކުރުމަށް ފޮނުވާފައިވާ 10 ދުވަހުގެ ނޯޓިސް މިރޭގެ 12:00 އިން ހަމަވާނެއެވެ.

ހައި ކޯޓުން އެގޮތަށް އަމުރުކުރީ ހަތް އޮފިސަރުންގެ ގާނޫނީ ވަކީލު މަރިޔަމް ނިހާޔަތު އެގޮތަށް ކޯޓުގައި އެދުމުންނެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި އެ އަމުރުގައި ބުނީ، ހައި ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑަނޭޅެނީސް ތިން އޮފިސަރުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

މިއަދުގެ އަޑުހެއުމަކީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ބޭއްވި އަޑުއެހުމެކެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ނިހާޔަތު ވިދާޅުވީ އަލަށް އުފަންވާ ގާނޫނަކުން މީހަކު ވަޒީފާއިން ވަކިކުރަން ނިންމިޔަސް މީގެ ކުރިން ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލަތަކުން އެކަމަށް ގާނޫނީ ފަރުވާ ހޯދާފައިވާ ކަމަށެވެ. އެގޮތުން ވަޒީފާއިން ވަކިކުރާ ފަރާތަށް ލިބިދޭ ގެއްލުމާއި ވަޒީފާދޭ ފަރާތަށް ލިބޭ ގެއްލުންތައް އަޅާކިޔައި އެކަމަށް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ލިބެނީ އިއާދަ ނުކުރެވޭ ގެއްލުމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ފަރާތްތަކުގެ އާއިލާއަށް ވެސް ނަފުސާނީ ގޮތުން ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް އެ ފަރާތްތަކަށް ލިބޭނެކަން ފާހަގަ ކުރައްވައި ނިހާޔަތު އެދުނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށެވެ.

އެއަށްފަހު ވިދާޅުވީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަ ވާން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވާ ކަމަށެވެ. އޭނާގެ މުވައްކިލުން ވަޒީފާއިން ކަނޑާލަން ނިންމައި ނޯޓިސް ފޮނުވިއިރު އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ނޯޓިސްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލައަކާ ގުޅިގެން މީގެ ކުރިން އެއިން މީހެއްގެ މައްސަލަ ތަހުގީގު ވެސް ކޮށްފައިނުވާ ކަމަށާއި ހަމައެކަނި ޕޮލިސް ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް އޮފިސަރުން ވަޒީފާއިން ވަކިކުރެވިގެން ނުވާނެ ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ ޕޮލިސް ބޯޑުން އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައި، ޕޮލިސް ކޮމިޝަނަރަށް ފޮނުވި ލިޔުމަކީ ގާނޫނާ ހިލާފު ލިޔުމެއްކަން ސާބިތު ނުކުރެވޭހާ ހިނދަކު ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ހައި ކޯޓުން ކަނޑަނޭޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ މައްސަލަ ހުށަހަޅާ ފަރާތްތައް ވަޒީފާގައި ދެމިތިބޭނަމަ އެ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް އެ ކޯޓަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ވިދާޅުވީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުންނަށް ތުހުމަތުތަކެއް ކުރެވޭއިރު އެ މީހުން ވަޒީފާގައި ބަހައްޓަން ހުކުމް ކޮށްފިނަމަ ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުވެ، އެ މުއައްސަސާގެ އަގު ވެއްޓޭނެ ކަމަށެވެ. އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ވަޒީފާއިން ވަކިކުރަން ފޮނުވި ނޯޓިސްއިން ސާފުވާ ކަމަށް ވެސް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

ދެ ވަނަ ފަހަރަށް ވާހަކަ ދައްކަވަމުން ނިހާޔަތު ވިދާޅުވީ ހަތް އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުންނަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާއަށް ބަރާބަރަށް ނުކުންނަމުން ދާ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އޮފިސަރުންނަކީ އެގްޒެކިއުޓިވް މަގާމުތަކުގައި ތިބި މީހުން ކަމަށާއި ވަރަށް ފަހުން ބޭއްވި އެގްޒެކިއުޓިވް ބައްދަލުވުމެއްގައި އެމީހުން ބައިވެރިވި ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުން ވިދާޅުވާހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބަޔަކު އެގޮތަށް ރަސްމީ މަސައްކަތަށް ނުނިކުންނާނެ ކަމަށެވެ. އަދި ބައެއް އޮފިސަރުންނަކީ ފުލުހުންގެ ތެރޭގައި ހުރި ހުރިހާ މައުލޫމާތަކަށް އެކްސެސް ހުންނަ މީހުން ކަމަށެވެ. އެހެންކަމުން ހަމައެކަނި ޕޮލިސް ބޯޑުން ބުނެލާ ބުނެލުމަކަށް އޮފިސަރުން ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

އޭނާގެ މުވައްކިލުންނަކީ ފުލުހުންގެ ވަޒީފާގައި ތިބި ބައެއް ކަމަށާއި އެ މީހުންނާ ގުޅޭ ރަސްމީ ހުރިހާ ކަމެއްގެ ލިޔުން ފޮނުވަނީ ފުލުހުންގެ މުއައްސަސާގެ ލެޓާ ހެޑް ކަމަށާއި އެ މީހުންނަށް ވަޒީފާ ދިން ކަމުގެ ލިޔުމުގައި އޮތީ ވެސް ފުލުހުން މުއައްސަސާކަން ފާހަގަ ކުރައްވައި ނިހާޔަތު ވިދާޅުވީ، ޕޮލިސް ބޯޑަކީ ފުލުހުންގެ މުއައްސަސާއާ ވަކިން އޮންނަ ބޯޑެއް ކަމަށާއި އެހެންކަމުން އެ ބޯޑުން ދޭ ލިޔުމެއްގެ މައްޗަށް ބިނާކޮށް ވަޒީފައިން ވަކިނުކުރެވޭނެ ކަމަށެވެ.

ނިހާޔަތުގެ ވާހަކަ ނިމުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވީހާވެސް އަވަހަކަށް މައްސަލައިގެ އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.