ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން 2014 ވަނަ އަހަރު އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ކުރި ސިއްރު ބަހުސްގެ ޔައުމިއްޔާގެ ކޮޕީއެއް، ގާނޫނު މާނަ ކުރުމަށްޓަކައި ކުރިމިނަލް ކޯޓުގެ އެދުމުގެ މަތިން އެކޯޓަށް ދޭން ނިންމައިފިއެވެ.
އެގޮތަން ނިންމީ އެ ޔައުމިއްޔާތަކުގެ ކޮޕީ ހޯދުމަށް އެ ކޯޓުން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާތިއެވެ.
އޭރުގެ މަޖިލީހުގައި އޮތް ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ބަދަލުގައި މިހާރު އެ މަސައްކަތްތައް ކުރަމުން އަންނަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީންނެވެ.
އެކަމަށް ޓަކައި މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އޭރުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ، ގާނޫނުތައް މާނަ ކުރުމަށް ޓަކައި އެ ގާނޫނު އެކުލަވައިލި މަގުސަދު ދެނެގަތުމަށް ގާނޫނު އެކަށައެޅި ފަރާތްތަކުގެ ނިޔަތް ދެނެގަތުން މުހިއްމު ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން އެނގެން އޮންނާތީ ޖިނާއީ އިޖުރާއަތުގެ ބިލަށް މަޖިލީހުން ކުރި ބަހުސްތަކުގެ ޔައުމިއްޔާ އާއި ކޮމެޓީ މަރުހަލާގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާގެ ކޮޕީ އެ ހޯދުމަށް ކްރިމިނަލް ކޯޓުން މަޖިލީހުގައި އެދިފައިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީގެ އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމުން ކޮމިޓީން ފާސް ނުކޮށް އެ ޔައުމިއްޔާތައް ކޯޓާ ހަވާލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމަށް ގޮތެއް ކަނޑައެޅުމަށް ހުޅުވައިލި ބަހުސްގައި، ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ އޭރު ކޮމެޓީ ބައްދަލުވުން ސިއްރުކުރި ނަމަވެސް ގައުމީ ސަލާމަތަށް ޓަކައި ފޮރުވަން ޖެހޭ ކަމެއް އޭގައި މިހާރު ނެތް ނަމަ އެ ޔައުމިއްޔާތަކުގެ ކޮޕީ ކޯޓަށް ފޮނުވަން ހުށަހަޅުއްވާ ކަމަށެވެ.
އިލިޔާސްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.
އެބޭފުޅުން ހުށަހެޅުއްވި ގޮތަށް އެ ޔައުމިއްޔާތަކުގެ ކޮޕީ ކޯޓަށް ފޮނުވަން ކޮމިޓީން ފާސްކުރިއެވެ.