އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

އުތުރުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ އިރު މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ އެކުއްޖާގެ ބޮޑުބޭބެ އެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ މައްސަލަ ހުށަހެޅުނު ވަގުތުން ފެށިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރި ކަމަށާއި އެގޮތުން މިހާރު އެ ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.