ޚަބަރު

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ޖަމީލް ފާޑުވިދާޅުވެއްޖެ

އަލީ ޔާމިން

ފުލުހުންގެ މުއައްސަސާ، ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ އާއި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

މީގެ ކުރިން އަމަލުކުރަމުން ދިޔަ ފުލުހުންގެ ގާނޫނުގައިވާ ގޮތުން އެ މުއައްސަސާއާ ގުޅޭ ކަންކަމުގައި އިދާރާތަކަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ހޯމް މިނިސްޓަރެވެ. ނަމަވެސް ފަހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކަށް ޖަވާބުދާރީ ވާނީ ޕޮލިސް ކޮމިޝަނަރެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށެވެ.

"ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ގާނޫނުގައި އޮތް ވަޒީރުންގެ މަސްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް،" ޖަމީލް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުއައްސަސާތައް ކުރިއެކޭ އެއްގޮތަށް ހިންގަމުން ގެންދިއުމަށްވެސް ރައީސް އަންގަވާފައިވާ ކަމަށް ސިޓީގައިވެއެވެ.