ހެންވޭރުގެ ބައެއް ގެތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިރޭ ބުނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް މިރޭ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިރޭ 11:00 އިން ފަތިހު 5:00 އަށް ސަދުބަރަކަ ގޯޅި އާއި ފިލިގަސް މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެނުގެ ހިދުމަތް މެނދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ފެނުމުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭވެސް ވަނީ އެ ސަރަހައްދުގެ ފެން ހޮޅިތައް ގުޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭގެ މަގުތަށް ޒަމާނީ ކުރަން ވެގެން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލޭ ބައެއް މަގުތަށް މިހާރު ވަނީ ހަދައި ނިންމައިފައެވެ.