ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ބޯޑަރުތައް ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން އެ ދުވަހު އެކަނިވެސް ރާއްޖެއަށް 6،197 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަލުން ބޯޑަރު ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވަނީ އެއް މިލިއަން ފަތުރުވެރިން ކަމަށެވެ. އެ އަމާޒަށް އަންނަ މަހުގެ ކުރީކޮޅުގައި ވާސިލު ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލު ވެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު 1.3 މިލިއަން ފަތުރުވެރިން ގެނައުން. އިރާދަކުރެއްވިއްޔާ އެކަންވެސް ހާސިލުވާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީސަން ކަމަށާއި ޑިސެމްބަރާ ހަމައަށްދާއިރު ރާއްޖޭގެ ޓޫރިސްޓު އެނދުތައް ފުރޭނެ ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ބުކިންތަކެއް ހައްދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"2019 ވަނަ އަހަރަށް ވުރެ މިއަހަރު ނިމޭއިރު ބެޑްނައިޓްސް އިތުރުވާނެ ކަމަށް މި ބެލެވެނީ. އެގޮތުން 10.7 މިލިއަން ބެޑްނައިޓް ކްރޮސް ކުރާނެ މިއަހަރު އިރާދަކުރެއްވިއްޔާ." ޑރ. މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ފުލް ރިކަވަރީއަކަށްދާނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު